ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެކުލަވައިލެއްވި ޒަކާތު ކައުންސިލްގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.
މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޒަކާތު ކައުންސިލްގެ ރައީސް އަދި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ޒަކާތާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ”މޯލްޑިވްސް ޒަކާތު ހައުސް“ ގެ މަސައްކަތްތައް ހަރުދަނާކަމާ އެކު އަމަލީގޮތުން ފެށުމާ ގުޅޭގޮތުން ކަމަށެވެ.
އަދި ޤާނޫނުގައި ކަނޑައަޅާފައިވާ ޝަރުޢީ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ޒަކާތުގެ ނިޒާމު ފުރިހަމައަށް ތަންފީޛުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް މި ބައްދަލުވުމުގައި އަލިއަޅުވާލާފައި ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
ޒަކާތު ކައުންސިލަކީ ދީނީ އަދި މާލީ ދާއިރާތަކާ ގުޅުންހުރި އެކި މުއައްސަސާތައް ތަމްސީލުކުރާ 9 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ.
މީގެ ތެރޭގައި އިސްލާމިކް ޑިރެކްޓަރ ޖެނެރަލް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ އިސް މުވައްޒަފުންގެ ތެރެއިން އެ އޮތޯރިޓީން ކަނޑައަޅާ 1 މެމްބަރު، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އިސް މުވައްޒަފުންގެ ތެރެއިން އެ އޮތޯރިޓީން ކަނޑައަޅާ 1 މެމްބަރު، ފިނޭންސްގެ ފަރާތުން އިސް މުވައްޒަފުންގެ ތެރެއިން އެ އޮތޯރިޓީން ކަނޑައަޅާ 1 މެމްބަރު، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ 1 މެމްބަރު، މިނިސްޓްރީގެ އިސް މުވައްޒަފުންގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ 1 މެންބަރު، ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައިނުވާ ޒަކާތުގެ މާހިރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ 2 މެމްބަރުން ތަމްސީލުކުރައްވާނެއެވެ. މި ކައުންސިލުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމު އިދާރީގޮތުން ހިންގުމާއި ބެލެހެއްޓުމުގައި ”މޯލްޑިވްސް ޒަކާތު ހައުސް“އަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމެވެ.



