މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެ އިޝްތިހާރުކުރުމަށް ބޭރުގެ ފަސް މައުރަޒެއްގައި ބައިވެރިވާން ނިންމައި، އެކަމަށް ތައްޔާރުވެފައިވާ ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ބުނެފިއެވެ.
މިއަހަރުގެ ފުރަތަމަ ހަރަކާތެއްގެ ގޮތުން މި މަހުގެ 21 އިން 25 އަށް ސްޕެއިންގެ މެޑްރިޑްގައި ބާއްވާ ”ފިތޫރު 2026″ ފެއަރގައި ރާއްޖެއިން ބައިވެރިވާނެއެވެ.
މީގެ އިތުރުން، މި މަހުގެ 24 އިން 26 އަށް އެމެރިކާގެ ނިއުޔޯކްގައި ބާއްވާ ”ޓްރެވަލް އެންޑް އެޑްވެންޗަރ ޝޯ“ ގައި ބައިވެރިވުމަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ.
އަންނަ ފެބްރުއަރީ މަހު، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމު ކަމަށްވާ އިންޑިއާގެ ނިއުދިއްލީގައި ބާއްވާ ”ސާޓޭ 2026″ މައުރަޒުގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވާނެއެވެ. މި މައުރަޒު ކުރިއަށްދާނީ ފެބްރުއަރީ 25 އިން 27 އަށެވެ.
އަހަރުގެ ފުރަތަމަ ކުއާޓަރުގެ ހަރަކާތްތައް ނިންމާލުމަށް ހަމަޖެހިފައިވަނީ މާޗް 3 އިން 5 އަށް ޖަރުމަނުވިލާތުގެ ބަރލިންގައި ބާއްވާ، ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ މައުރަޒު ކަމަށްވާ ”އައިޓީބީ ބަރލިން 2026″ ގައެވެ. މީގެ އިތުރުން، މާޗް 11 އިން 13 އަށް ރަޝިއާގެ މޮސްކޯގައި ބާއްވާ ”މިޓް މޮސްކޯ“ ގައި ބައިވެރިވެ، ރަޝިއާ އަދި ސީއެސްއައި ރީޖަންގެ މާކެޓްގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް މަސައްކަތްކުރުމަށް ވަނީ ރާވާފައެވެ.
ދެވަނަ ކުއާޓަރުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މެދުއިރުމަތީގެ ގައުމުތަކަށް އަމާޒުކޮށްގެންނެވެ. އެގޮތުން އޭޕްރިލް 26 އިން 30 އަށް ކުވައިތު، ރިޔާޛް އަދި ޖިއްދާގައި ”ވިޒިޓް މޯލްޑިވްސް ވީކް އިން އެރޭބިއާ“ރޯޑް ޝޯ ބޭއްވުމަށް ވަނީ ނިންމާފައެވެ. ދެވަނަ ކުއާޓަރުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ފެއާ އަކީ މެއި މަހުގެ 4 އިން 7 އަށް ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް 2026) އެވެ.
2025 ވަނަ އަހަރުގެ އޭޓީއެމް އިން ލިބުނު ކާމިޔާބީއާއި އުފެދުނު ވިޔަފާރީގެ ގުޅުންތަކާ އެކު، މިއީ ވިޒިޓް މޯލްޑިވްސް އިން މިއަހަރު ބައިވެރިވާ އެންމެ ކާމިޔާބު ޓްރޭޑް ޝޯކަމަށް އެކުންފުނިން ބުނެއެވެ.


