ރޯގާގެ އަލާމާތްތައް ފެނުނުނަމަވެސް ޑޮކްޓަރުގެ ލަފާ ނުހޯދައި އެންޓިބަޔޮޓިކް ބޭނުންނުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިކަމަށް އިލްތިމާސްކުރީ އުމްރާގެ އަޅުކަމަށްފަހު އުމްރާވެރިން ރާއްޖެ އަންނަ ދުވަސްވަރު އާންމު ރޯގާ އިތުރުވަމުންދާތީ، ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުންނެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ކޮންސަލްޓަންޓް ސަބްސެޕްޝަލިސްޓް އިން ރެސްޕިރޭޓަރީ މެޑިސިން، ޑރ. ނަޒްމީ އަބްދުލް ލަތީފް ވިދާޅުވީ މިހާރު ރާއްޖޭގައި އެންމެ ހަލުވިކޮށް ފެތުރެމުންދަނީ އާންމު ރޯގާއާއި އިންފުލުއެންޒާގެ އިތުރުން ޑެންގޫ ހުން ކަމަށެވެ. މި ބަލިތަކުގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ނޭވާ ކުރުވުން، ކެއްސުން އަދި ކަރަށް ތަދުވުން ހިމެނޭއިރު، ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި މުސްކުޅިންގެ ކިބައިން މި އަލާމާތްތައް ނުފެނި ހިނގައިދާނެކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ބަލި ޖެހިގެން އުޅޭއިރު ޑޮކްޓަރެއްގެ ލަފާ ނުހޯދައި އެންޓިބަޔޮޓިކްސް ބޭނުންކުރުމަކީ ރައްކާތެރި ގޮތެއް ނޫންކަމަށް ޑރ. ނަޒްމީ ވިދާޅުވިއެވެ.
”އެންޓިބަޔޮޓިކްސް އަސްލު ބެކްޓީރިއަލް އިންފެކްޝަންއެއް ކަމަށް ޔަގީން ނުވާ ހިނދަކު ބޭނުން ކުރުމަކީ ބުއްދިވެރި ކަމެއްނޫން، އަދި ރެކޮމެންޑެޑް ކަމެއްވެސް ނޫން. އެހެންވީމައި އާންމުކޮށް ވައިރަލް ރޯގައިތައް ހުންނާނީ ދެން، ވައިރަލް ރޯގައި ރަނގަޅު ވަމުން ދާއިރު ސެކަންޑަރީ ބެކްޓީރިއަލް އިންފެކްޝަންއެއްވެސް ފަހުން ޖެހިދާނެ،“ ޑރ. ނަޒްމީ ވިދާޅުވިއެވެ.
ބަލިން އަވަހަށް ރަނގަޅުވުމަށްޓަކައި ގޭގައި އަރާމުކުރުމާއި، ގިނައިން ދިޔާ ތަކެތި ބޭނުންކުރުން މުހިންމުކަމަށް ޑޮކްޓަރު އިރުޝާދު ދެއްވިއެވެ. ނަމަވެސް ބަލިވެ އުޅޭ ދުވަސްވަރު މައިލޯ ފަދަ ކުލަގަދަ ބުއިންތައް ބޭނުންކުރުން މަދުކުރުމަށް ވަނީ ލަފާދެއްވާފައެވެ.
އަދި ބަލީގެ އަލާމާތްތައް ފެންނަނަމަ އާންމުންގެ ތެރެއަށް ނުކުމެ އުޅުން މަދުކޮށް، ގިނައިން އަތްދޮވެ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަކީ ބަލި ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.
އެޗްޕީއޭގެ ކޯޑިނޭޓަރ ފައުޒާ ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭރަށް ނުކުންނައިރު މާސްކު އެޅުމާއި، ބޭރުން ކެއުން މަދުކުރުމުގެ އިތުރުން ޑެންގޫއިން ސަލާމަތްވުމަށް މަދިރިން ރައްކާތެރިވުމަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ. މީގެ އިތުރުން ހައްޖާއި އުމްރާއަށް ދިއުމުގެ ކުރިން ފްލޫ ވެކްސިން ޖެހުމަށްވެސް އެޗްޕީއޭއިން ވަނީ ބާރުއަޅާފައެވެ.
ކޮންމެ އަހަރަކުވެސް ހައްޖާއި އުމްރާގެ އަޅުކަމަށްފަހު މީހުން އެނބުރި އަންނަ ދުވަސްވަރު ރޯގާ އިތުރުވާތީ، އެޗްޕީއޭއިން ދަނީ ފުލޫ ކްލިނިކްތައް ގާއިމުކުރުމާއި އާންމުން ހޭލުންތެރިކުރުވުމުގެ އެކި މަސައްކަތްތައް ކުރަމުންނެވެ.
ބަލީގެ އެއްވެސް އަލާމާތެއް ފާހަގަކުރެވޭނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.



