މިދިޔަ އަހަރުގެ ނިޔަލަށް ރަސްމީ ރިޒާވު އެއް ބިލިއަން ޑޮލަރާއި ގާތް ކުރާ އަދަދަށް މައްޗަށް ޖެހިފައިވާކަމަށް، މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ 2025 ވަނަ އަހަރުގެ ނިޔަލަށް ރަސްމީ ރިޒާވް ހުންނާނެ ކަމަށް ލަފާކުރި އަދަދަށް ވުރެ އިތުރު އަދަދެކެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރު ނިމުނިއިރު ރަސްމީ ރިޒާވް ހުރީ 983.04 މިލިއަން ޑޮލަރުގައެވެ. މިއަދަދު 2024 ވަނަ އަހަރުގެ ނިޔަލަށް ހުރީ 673.89 މިލިއަން ޑޮލަރުގައެވެ. މިއީ އަހަރުން އަހަރަށް ބަލާނަމަ %45 ކުރިއެރުމެކެވެ. މިއަހަރުގެ 3 ވަނަ ކުއަޓާގެ އިކޮނޮމިކް ބުލެޓިންގައި މިއަދަދު އިތުރުވާނެ ކަމަށް ލަފާކޮށްފައިވަނީ 849 މިލިއަން ޑޮލަރަށެވެ. އަދި 900 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރީ މިހިނގާ 2026 ނިޔަލަށެވެ.
މީގެ ކުރިން ރަސްމީ ރިޒާވް މިވަރަށް މަތިވީ 2020 ވަނަ އަހަރެވެ. އޭރު މިއަދަދު އިތުރުވެގެން ދިޔައީ، ރިޒާވް ބޭންކް އޮފް އިންޑިއާއާއެކު ސޮއިކޮށްފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީގެ އެއަހަރު ތެރޭ ބޭނުން ކުރުމުންނެވެ. އެއަހަރުގެ ޑިސެންބަރު މަހު އޭރުގެ ސަރުކާރުން ޚަރަދުތައް ފޫބެއްދުމަށް 250 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކާފައިވެއެވެ.




