ފުޅާދާއިރާއެއްގައި ވޭޕްގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. ވައިޓްރޯސް / މާލެ، ނުހާމް މުޙައްމަދު ޝިޔާން (25އ) އެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލެ ފުލުހުން މިއަދު ހިންގި އޮޕަރޭޝަނެއްގައި ނުހާމް ހައްޔަރުކޮށް، އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ނެނޯ ކާޓްރިޖްއާއި ވޭޕް އަދި ޕޮޑްގެ އިތުރުން ފައިސާ ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ނުހާމް މުޙައްމަދު ޝިޔާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.


