ހުޅުމާލޭ ފަޅުތެރޭގައި އޮޑިދޯނިފަހަރުގައި ފައިބަރުގެ މަސައްކަތް ނުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގެ ފަޅުތެރޭގައި އޮޑިދޯނިފަހަރުގައި ފައިބަރުގެ މަސައްކަތް ކުރަމުންދާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި އެއީ ތިމާވެއްޓަށާއި ފަޅުތެރެ ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމަކަށްވާތީ، ހުޅުމާލޭ ފަޅުތެރޭގައި ފައިބަރުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާކަމެއްކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
ހަމައެހެންމެ ހުޅުމާލޭގެ ފަޅުތެރޭގައި އެފަދަ މަސައްކަތް ކުރަމުންދާނަމަ އެފަރާތްތަކުން 18 ޖަނަވަރީ ވާ އާދީއްތަ ދުވަހުގެ 00:00ގެ ކުރިން މަސައްކަތް ހުއްޓާލުމަށް، ނުވަތަ މިފަދަ މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދަކަށް ބަދަލުކުރުމަށް އެޗްޑީސީން ވަނީ އަންގާފައެވެ.
އެ މުއްދަތުގެ ކުރިން މަސައްކަތް ހުއްޓާލާފައި ނުވާނަމަ، މެރިން ޕޮލިހާއި ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން އެކަންކަން ހުއްޓުވުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރިއަށްގެންދާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
މީގެ އިތުރުން އެޗްޑީސީން ވަނީ އެފަދަ ކަންކަމުގައި އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުން އެ ކޯޕަރޭޝަނަށް ދެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.




