އިސްރާއާއި މިޢުރާޖަކީ ޢިބުރަތްތައް ހިމެނޭ މަތިވެރި ޙާދިސާއެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
”އިސްރާއާއި މިޢުރާޖުގެ ޢިބުރަތްތައް“ މި މައުޟޫޢުގައި މިއަދު ދިން ހުކުރު ހުތުބާގައި ބުނީ އަހަރެމެންގެ ލޮބުވެތި ރަސޫލާގެ ސީރަތުގައި އެއިން އަހަރެމެން ޢިބުރަތް ހާސިލުކުރާން ޖެހޭ ގިނަގުނަ ޙާދިސާތަކަކާއި ކަންތައްތަކެއް ހިމެނޭ ކަމަށެވެ.
މާތްالله އަހަރެމެންގެ ލޮބުވެތި ރަސޫލާއަށް ގިނަގުނަ ނިޢުމަތްތަކަކާއި މުޢުޖިޒާތް ދެއްވި ކަމަށާއި އެކަލޭގެފާނަށް ދެއްވި މުޢުޖިޒާތްތަކުގެ ތެރޭގައި އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅު ހިމެނޭ ކަމަށެވެ.
މި ދަތުރުފުޅަކީ ބޮޑުވެގެންވާ މުޢުޖިޒާތެއް ކަމަށާއި އެއީ އެ ކަމުގައި ޢިބުރަތްތަކާއި އިމްތިޙާނުކުރެއްވުންތައް ހިމެނޭ މަތިވެރި ޙާދިސާއެއް ކަމަށާއި މި ދުވަސްވަރަކީ މި މަތިވެރި ޙާދިސާގެ ހަނދާންތައް އަހަރެމެންގެ ހިތްމައްޗަށް އައިސްފައިވާ ދުވަސްވަރު ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ މި ޒިކުރާއަކީ ކީރިތި ރަސޫލާގެ ވަސްމީރު ސީރަތު އުނގެނި ދިރާސާކޮށް، އީމާންކަމާއި އަޚުވަންތަކަން ވަރުގަދަކޮށް ހަރުދަނާކުރާން ޢަޒުމުކަނޑައަޅާންވީ ވަގުތު ކަމަށެވެ.
އަދި މި ޙާދިސާއަކީ މާތްالله ކީރިތި ރަސޫލާއަށް ދެއްވެވި މުޢުޖިޒާތެއް ކަމަށާއި އެއީ މުސްލިމުންނަށް ކުރިމަތިކުރެއްވި ބޮޑު އިމްތިޙާނެއް ކަމަށެވެ.
”މުސްލިމުންގެ ތެރޭގައި މި ޙާދިސާ ހިނގިކަމަށް މަޝްހޫރުވެފައިވަނީ ރަޖަބުމަހުގެ ހަތާވީސް ވިލޭރޭގައެވެ.“ ހުތުބާގައި ބުނެފައި ވެއެވެ.
”އެކަލާނގެ ހުސް ޠާހިރުވަންތަކަމާއެވެ! އެކަލާނގެއީ، އަލްމަސްޖިދުލްޙަރާމުން، އަލްމަސްޖިދުލްއަޤްޞާއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ ބަރަކާތްލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށް ޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވައިވޮޑިގެންވާ، މޮޅަށް ބައްލަވައިވޮޑިގެންވާ ރަސްކަލާނގެއެވެ.“ މިޢުރާޖުގެ ވާހަކައަށް އިޝާރަތް ކުރައްވައި މާތްالله ވަޙީކުރައްވާފައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
”ދެން (الله) އެކަލާނގެ އަޅާއަށް ވަޙީކުރެއްވި އެއްޗެއް ވަޙީކުރެއްވިއެވެ. އެކަލޭގެފާނު ދެކެވަޑައިގެންނެވި ކަންތަކާ މެދު (އެކަލޭގެފާނުންގެ) ހިތްޕުޅު އިންކާރެއްނުކުރައްވަތެވެ. އެކަލޭގެފާނު ދެކެވަޑައިގަންނަވާ ކަންތަކާ މެދު، ތިޔަބައިމީހުން އެކަލޭގެފާނާ ޖަދަލުކުރަނީހެއްޔެވެ؟ ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: މުޙައްމަދުގެފާނު) އެހެން ފަހަރަކު ވެސް އެ މަލާއިކަތާ ދެކެވަޑައިގަތްކަން ކަށަވަރެވެ. ސިދުރަތުލްމުންތަހާގެ ކައިރީންނެވެ. އެ ތާނގެ ކައިރީގައި ޖަންނަތުލްމައުވާ ވެއެވެ. ސިދުރަތުލްމުންތަހާ ފޮރުވައިލި (ފުރިހަމަ) ކަމެއް އައިސް ފޮރުވައިލި ހިނދުގައެވެ. އެކަލޭގެފާނުގެ ލޯފުޅު އެކި ފަރާތްފަރާތަކަށް ނުދެއެވެ. އަދި ދެކެވަޑައިގަތުމަށް ކަނޑައަޅުއްވައިފައިވާ ތަން ފަހަނަޅައި ވެސް ނުމެދޭމެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް، އެކަލޭގެފާނު ދެކެވަޑައިގަތްކަން ކަށަވަރެވެ.“ މާތް ﷲ ވަހީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
މީގެ އިތުރަށް ކީރިތި ރަސޫލާގެ ޞައްޙަ ޙަދީޘްފުޅުތަކުން އިސްރާއާއި މިޢުރާޖުގެ ޙާދިސާ ހިނގައިފައިވާކަން ކަށަވަރުވެ ޔަޤީންވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ ކީރިތި ރަސޫލާ ގެ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅަކީ އެކަލޭގެފާނު އިސްލާމީ ދަޢުވަތު ދެއްވުމުގައި އުފުއްލަވަމުން ގެންދެވި ބުރަތަކަށާއި އެ ކަމަށް ޓަކައި ތަޙައްމަލުކުރެއްވި ދަތިތަކަށާއި، ކެތްތެރިވެވަޑައިގަތް ކެތްތެރިވެވަޑައިގަތުމަށް މާތްالله ދެއްވެވި މަތިވެރި އިނާމެއް ކަމަށެވެ.
”އެއީ އެކަލޭގެފާނުގެ ނިޔަނެތި އަދި މަދަދުވެރި އަނބިކަނބަލުން ޚަދީޖަތުގެފާނާއި އެކަލޭގެފާނަށް ޙިމާޔަތްދެއްވުމުގައި ހުންނެވި ލޮބުވެތި ބޮޑުބޭބޭފުޅު އަވަހާރަވުމުގެ ސަބަބުން ލިބިވަޑައިގަތް ހިތާމައަށް ދެއްވެވި ތަސައްލީއެކެވެ.“ ހުތުބާގައި ބުނެފައި ވެއެވެ.
މި ޙާދިސާއިން އެނގެނީ ކޮންމެ އުނދަގޫކަމަކާ އެކު ފަސޭހަކަމެއް ވާނޭކަން ކަމަށާއި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟުރަތުން ވާތްގާއި މަދަދު ހޯދާ މީހާ ނާއުންމީދުވާން ނުޖެހޭނޭކަމަށާއި އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުން ލިބިގަންނާން ޖެހޭ ޢިބުރަތްތަކުގެ ތެރޭގައި، ހިތުގެ ޠާހިރުކަމާއި، ސަލާމަތްތެރިކަމާއި، އީމާންކަމުން ފުރިގެންވުމުގެ މުހިންމުކަން ހިމެނޭ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ހުތުބާގައި ބުނީ އެއްވެސް ކަމަކާ ކުރިމަތިލާން ވާނީ ސަލާމަތް ހިތަކާއި ފުރިހަމަ އީމާންކަމާ އެކުގައި ކަމަށެވެ.



