”ރޯދަ ބާޒާރު ފެސްޓިވަލް“ އިން ސްޓޯލް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން އެ ފުރުޞަތު ހުޅުވާލާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން ބުނީ މި އަހަރުގެ ރަމަޟާން މަހާއި ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކް ސަރަޙައްދުގައި ރޯދަ ބާޒާރު ފެސްޓިވަލެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށާއި އެ ފެސްޓިވަލުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ސްޓޯލް ކުއްޔަށް ހިފުމަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ފުރުޞަތު ހުޅުވާލާނެ ކަމަށެވެ.
އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ ވެބްސައިޓުގައި ޝާއިޢު ކުރާ ލިންކު މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށާއި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ފަސްޓު-ކަމް ފަސްޓު ސާވް އުސޫލުން ޝަރުތު ހަމަވާ ފަރާތްތަކަށް ސްޓޯލް ހިންގުމަށް ކުއްޔަށް ދޫކުރެވޭނެ ކަމަށެވެ.
އެގޮތުން ރޯދަ ބާޒާރު ފެސްޓިވަލުގައި އެކި ކަންކަމަށް ޚާއްޞަ ކޮށްގެން ޖުމްލަ 80 ސްޓޯލެއް ދޫކުރާނެ ކަމަށާއި މިއިން ކޮންމެ ސްޓޯލަކީވެސް 10 ފޫޓު 10 ފޫޓުގެ ސްޓޯލްތަކެެއް ކަމަށެވެ.
އެ ސްޓޯލުތަކަށް ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 5،000 ރުފިޔާއިން ފެށިގެން 8،500 ރުފިޔާއާއި ދެމެދުގެ އަގުތަކެއް ކަމަށް އެޗްޑީސީން ހާމަކުރެއެވެ.
އެޗްޑީސީން ބުނީ ސްޓޯލް ކުއްޔަށް ހިފާ ފަރާތުން ނުވަތަ ސްޓޯލުގައި ތަކެތި ވިއްކަން ހުންނަ ފަރާތުން ސްޓޯލުގައި ކުރާ ކަމަކުން އާންމުންނަށް އުނދަގުލަކަށް ވެދާނެ ކަމެއް ކޮށްގެން ނުވާނެ ކަމަށާއި ކުއްޔަށް ހިފާ ފަރާތުގެ އިޙުމާލަކުން ކުއްޔަށް ދޫކޮށްފައިވާ ސްޓޯލް ނުވަތަ ފެސްޓިވަލް ހިނގާ ސަރަޙައްދަަކަށް ގެއްލުމެއް ވެއްޖެނަމަ އެކަމުގެ ފުރިހަމަ ޒިންމާ ކުއްޔަށް ހިފާ ފަރާތުން އުފުލަންވާނެ ކަމަށެވެ.
މީގެ އިތުރުން ސްޓޯލު ބޭރުގައި ޢާންމު ސަރަޙައްދުގައި މުދާ ބަހައްޓައިގެން ވިޔަފާރި ކުރުމަކީ މަނާކަމެއް ކަމަށްވެސް އެޗްޑީސީން ހާމަކުރެއެވެ.
ސްޓޯލްތައް ދޫކުރަން ހަމަޖެހިފައިވާ ގޮތް:
މޭވާ، ތަރުކާރީ އަދި ކެއްކުމަށް ބޭނުންކުރާ ތަކެތި: 20 ސްޓޯލް
ބަދިގޭގެ ސާމާނާއި ކައްކާ ސާމާނު: 24 ސްޓޯލް
ގޭތެރެ ޒީނަތްތެރި ކުރާ ސާމާނު: 10 ސްޓޯލް
އަންނައުނާއި ފޭރާން: 10 ސްޓޯލް
ހޯމް ކެއަރ އެންޑް ހާރޑްވެއަރ: 8 ސްޓޯލް
ފާރނީޗަރާއި އިލެކްޓްރިކަލް އެޕްލަޔަންސެސް: 6 ސްޓޯލް
ކާބޯތަކެތި (ފުޑް އެންޑް ބެވަރޭޖް): 10 ސްޓޯލް



