ދިރާގުގެ ”އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓްސް“ ޕްރޮމޯޝަންގެ ދަށުން ދޭ ފުރަތަމަ ލޯންޗު ލިބޭ ނަސީބުވެރިޔާ މިއަދު އިއުލާންކޮށްފިއެވެ.
ހުޅުމާލެ ފޭސް 2 ގެ ދިރާގު ބީޗުގައި މިއަދު ހަވީރު ބޭއްވި ޚާއްސަ ހަރަކާތެއްގައި މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިއަކަށް ހޮވިފައިވަނީ ކ. މާލޭ، ޢަބްދުﷲ ސަޢީދު އެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދިރާގުން ހުށަހަޅާފައިވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ލޯންޗެކެވެ. މިއީ އެކި ކަންކަމަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދެއް ކަމަށާއި، ކޮންމެ ލޯންޗެއްގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ހިމެނޭނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.
”އަޅުގަނޑުމެންގެ މި ޕްރޮމޯޝަނަށް ތިޔަ ހުރިހާ ބޭފުޅުން ދެއްވި ތަރުޚީބަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މިފަދަ ޕްރޮމޯޝަންތަކުން ލިބޭ ފުރުޞަތުތަކަކީ އަޅުގަނޑުމެންގެ ޚިދުމަތްތައް ތިބޭފުޅުންނަށް އެކްސްޕީރިއަންސް ކޮށްލަން ލިބޭ ވަރަށް ރަނގަޅު ފުރުޞަތެއް،“ މި ހަރަކާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ޗީފް ކޮމަރޝަލް އޮފިސަރ، ޢަލީ ރިޔާޒް ވިދާޅުވިއެވެ.
މި ޕްރޮމޯޝަނުގެ ދަށުން ހުށަހަޅާފައިވާ ދެވަނަ ލޯންޗު ކާމިޔާބު ކުރުމުގެ ފުރުޞަތު 31 މާރިޗު 2026 ގެ ނިޔަލަށް ދިރާގުން ވަނީ ހުޅުވާލާފައެވެ. ދެވަނަ ލޯންޗުގެ ނަސީބުވެރި ފަރާތް އިޢުލާންކުރުން އޮންނާނީ ޖޫން 2026 ގައެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުންނާއި، ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑްގެ ވަކި ޕްލޭންތަކެއް ބޭނުންކުރާ ކަސްޓަމަރުންނަށެވެ.
ކަސްޓަމަރުންނަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް މި ޕްރޮމޯޝަންގައި އެންރޯލް ކުރެވޭނެއެވެ.
މިއަދުގެ ހަވީރުގެ ހަރަކާތުގައި މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ޑީޖޭ މީކާގެ ހުށަހެޅުމެއްގެ އިތުރުން މަޝްހޫރު ރޮބޯމޭންގެ ޚާއްސަ ހަރަކާތްތަކެއް ފެނިގެންދިޔައިރު، ގިނަ އަދަދެއްގެ ކުޑަކުދިން މި ހަރަކާތުގައި ބައިވެރިވިއެވެ.



