މިއަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސަައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އާ ހަމައަށެވެ.
ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބަށް ކުރުމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަމަހުގެ 1ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާއިރު އެ ފުރުސަތު ބަންދުވާނީ ފެބްރުއަރީ 1 ވަނަ ދުވަހު މެންދުރުފަހު 15:30 ގައި ކަމަށް އީސީން ބުންޏެވެ.
މި އިންތިހާބުތަކަށް ކުރިމަތިލުމަށް ފޯމު ހުށަހެޅޭނީ، ރަސްމީ ގަޑިތަކުގައެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 8:30 އިން 15:30 އަށް ފޯމް ބަލައިގަންނާނެއެވެ. އަދި ހުކުރު ދުވަހު 15:30 އިން 18:00 އަށް ފޯމް ބަލައިގަންނަމުންދާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެހެން ފަހަރުތަކާ ޚިލާފަށް މިފަހަރުގެ އިންތިހާބަށް ކެނޑިޑޭޓުން ފޯމު ހުށަހަޅަންޖެހޭނީ އޮންލައިންކޮށެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއި، އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ދައްކަންޖެހޭ އިދާރީ ފީ ދައްކާނީ މި ކޮމިޝަނުގެ މައި ޕޯޓަލް http://my.elections.gov.mv މެދުވެރިކޮށެވެ. އަދި އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް އިލެކްޝަންސް ކޮމިޝަނުން އަންގާނީވެސް މައި ޕޯޓަލް މެދުވެރިކޮށެވެ.




