ލޯކަލް ކައުންސިލް އިންތިހާބަށް އިދިކޮޅު އެމްޑީޕީން ނެރޭ ކެންޑިޑޭޓުން ހޮވުމަށް އިއްޔެ ބޭއްވި ޕްރައިމަރީގައި މާލޭގެ މޭޔަރުކަމުގެ ޓިކެޓް ކާމިޔާބުކުރެއްވި މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމްއަށް މަރުހަބާ ވިދާޅުވަމުން، ދެވަނަ ދައުރަކަށް އާދަމް އާޒިމް ހޮވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް އޭނާއާ ޕްރައިމަރީގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އަލީ އާޒިމް މިހެން ވިދާޅުވީ ޕްރައިމަރީގެ ނަތީޖާއަށްފަހު އާދަމް އާޒިމްއަށް ގުޅުއްވައި މަރުހަބާ ވިދާޅުވަމުންނެވެ.
ްއެގޮތުން އަލީ އާޒިމް ސޯޝަލް މީޑިއާގައި އާންމުކުރައްވާފައިވާ އެ ކޯލްގައި ވިދާޅުވީ އެމްޑީޕީއަށް އަބަދުވެސް ކާމިޔާބީއަށް އެދޭ ކަމަށާއި އެކުގައި މަސައްކަތްކޮށްގެން އެ ގޮނޑި ކާމިޔާބުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
”އެމްޑީޕީއަށް އަބަދުވެސް ކާމިޔާބަށް އެދެން. އިރާދަކުރެއްވިއްޔާ މަސައްކަތްކުރާނަން މޭޔަރުކަމުގެ ގޮނޑި ޕާޓީން ނެގުމަށް. މިގޮތަށް އިންތިހާބުތައް ބޭއްވުމަކީ އަޅުގަނޑުމެން ވަރުގަދަވާ ކަމެއް. އަޅުގަނޑުމެން އެކުވެރިވާ ކަމެއް. އަޅުގަނޑުމެންގެ ގައުމުގައި ހުރި މައްސަލަތައް އެއް ފަރާތުން އަނެއް ފަރާތަށް ހާމަކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް،“ ފޯނު ކޯލުގައި އަލީ އާޒިމް ވިދާޅުވިއެވެ.
ޕްރައިމަރީ ކާމިޔާބުވުމުން، ސަޕޯޓަރުންނަށް ޝުކުރު ދަންނަވައި އާދަމް އާޒިމް ވިދާޅުވީ އެ ކާމިޔާބީ އަކީ އެމްޑީޕީއަށް ލިބުނު ކާމިޔާބީއެއް ކަމަށާއި އެ ޕާޓީއަކީ ވާދަވެރި އިންތިހާބުތައް ބާއްވައިގެން ކުރިއަށްދާނެ ޕާޓީއެއް ކަމަށެވެ.



