ކުރިއެކޭ އެއްފަދައިން މިފްކޯއިން އުފައްދާ އާންމު ބާވްތްތައް ތައްޔާރުކުރާ މައި ހަބަކަށް ކަނޑުއޮތްގިރި އަލުން ހަދާނެ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވެއްޖެއެވެ.
އެމްޑީ ޝަހީރު މިހެން ވިދާޅުވީ، ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެސް، މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށުމާއި ގުޅިގެން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ.
މިފްކޯގެ އަތުން ކަނޑުއޮތްގިރި އަތުލައި އެމްއެންޑީއެފްއަށް ހަވާލުކުރުމާއި ގުޅިގެން މިފްކޯއާއި ބޮޑުކަންނެލި މަސްވެރިން އެކަމާއި މާޔޫސްވެ ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް މިފްކޯއަށް އަނބުރާ އެރަށް ހަވާލުކޮށް މިހާރު އަލުންމިވަނީ އޮޕަރޭޝަންތައް ފަށާފައެވެ.
މިކަމާ ގުޅޭގޮތުން ޝަހީރު ވިދާޅުވީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކުންފުނީގެ ހީވާގި މުވައްޒަފުންގެ މިންނެތް މަސައްކަތާއެކު ކަނޑުއޮތްގިރި މަސް ގަންނަން ތައްޔާރުކޮށް، ބޮޑު ކަންނެލި މަސް ގަންނަން ފަށާފައިވާކަމަށެވެ.
”މިހާރު ކަނޑުއޮތްގިރި އަނބުރާ އޮޕަރޭޝަނަށް ގެނެސް ބޮޑު ކަންނެލި މަސްވެރިންގެ އަތުން މަސް ގަންނަން މި ފެށީ. އެގޮތުން 15 ކިލޯއަށްވުރެ މަތީގެ ބޮޑުކަންނެއްޔަށް 25 ރުފިޔާގެ ރޭޓުން މި ކަނޑުއޮތްގިރިންނާއި، މި ސަރަަހައްދުން މަސްވެރިންގެ އަތުން ކަންނެލި ގަންނަމުންދާނަން. މީގެ އިތުރުން ކަނޑުއޮތްގިރިއަށް ކަޅުބިލަ މަސްވެސް މިހާރު ގަންނަމުންދާނަން.“ މިފްކޯގެ ސީއީއޯ ޝަހީރު ވިދާޅުވިއެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ، މިއީ ފެށުމެއް ކަމަށާއި، ދާދި އަވަހަށް ކަނޑުއޮތްގިރީގައި ކޯލްޑް ސްޓޯރޭޖް ގާއިމުކޮށް މަސްވެރިންނަށް އެތަނުން ތެލާއި އައިސްވެސް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށެެވެ. އަދި ކުރިޔަށް އޮތް ތަނުގައި އެތަނުގައި މަސް ޕްރޮސެސް ކުރުމުގެ އިތުރުން މިފްކޯގެ އެހެން ސެންޓަރުތަކަށް މަސް ގެންގޮސް ޕްރޮސެސްކޮށް އެތެރޭގެ ބާޒާރަަށް ނެރެ އެކްސްޕޯޓުވެސް ކުރެވޭގޮތަށް މަސްވެރިންގެ މައި ހަބަކަށް ކަނޑުއޮތްގިރި ހެދުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.



