ސަރުކާރުގެ އިދާރާތަކުގައި ލިޔެކިޔުން ބެލެހެއްޓުމަށް ބޭނުންކުރާ ގަވަމެންޓް އީ-ލެޓަރ މެނޭޖްމެންޓް ސިސްޓަމް، (ޖެމްސް)ގެ ދެވަނަ ވަރޝަން މި އަހަރުގެ މާރިޗު މަހު ބޭނުން ކުރަން ފަށާނެ ކަމަށް މޯލްޑިވްސް ޑިޖިޓަލް ސާވިސަސްއިން ބުނެފިއެވެ.
މި ވަރޝަން ފަރުމާކުރެވިފައިވަނީ ކަރުދާހާއި ނުލައި ހުރިހާ ޚިދުމަތެއް ލިބޭ ގޮތަށް ކަމަށް ވެސް އެއިދާރާއިން ބުންޏެވެ.
”ޖެމްސް“ އަކީ ސަރުކާރުގެ އެކި ޚިދުމަތްތައް ދިނުމުގައި އޮފީސްތަކުގައި ލިޔެކިޔުން ބަދަލުކުރުމާއި ލިޔެކިޔުން ބެލެހެއްޓުމުގެ އިތުރުން އިދާރީ ގޮތުން ހަމަޖައްސާ ކަންކަން ހަމަޖައްސަން ބޭނުން ކުރަމުން އަންނަ ނިޒާމެކެވެ. މި ނިޒާމު 2012ވަނަ އަހަރު ބޭނުން ކުރަން ފެށިފަހުން އެކި ދުވަސްވަރު ބަދަލުތަކެއް އައިސްފައިވީ ނަމަވެސް އަދި ޚިދުމަތް ފޯރުކޮށްދިނުމުގައި ގިނަ ދަތިތަކެއް ހުރިކަމަށް ސަރުކާރުން ހާމަކުރިއެވެ. މިއާއެކު ސަރުކާރުގެ މޯލްޑިވްސް 2.0 ސިޔާސަތުގެ ތެރެއިން ނިޒާމު މުޅިން އެއްކޮށް އަޕްގްރޭޑް ކުރުމަށް ވަނީ ނިންމާފައެވެ.
މިމަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ކިނާނަތު ވިދާޅުވީ މީގެ ކުރިން ސަރުކާރުގެ ނެޓްވޯކްތަކުގެ ތެރޭގައި ޖެމްސް ބޭނުން ކުރެވުނު ނަމަވެސް އައު ވާޝަނާއެކު ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް ޖެމްސް ބޭނުން ކުރެވޭނެ ގޮތަށް މުޅި ނިޒާމު ފަރުމާކުރެވިފައިވާނެއެވެ. ޑިޖިޓަލްކޮށް ސޮއިކުރެވޭނެ ފަދަ މުހިންމު ފީޗަރތައް މިއައު ވާޝަނުގައި ތަޢާރަފްކުރެވޭއިރު، ފުރަތަމަ މަސައްކަތް ކުރާނީ ކަރުދާސް މަދުކުރެވޭނެ ގޮތަށް ކަމަށް ޑރ. ކިނާނަތު ވިދާޅުވިއެވެ.
”އަޅުގަނޑުމެން ޖެމްސްގެ އައު ވާޝަން ފަރުމާކޮށްފައިވަނީ ޕޭޕަރލެސް ސިސްޓަމެއް ގޮތުގައި، މީގެ ސަބަބުން އެއްގޮތަކަށްވެސް ކަރުދާސް ބޭނުން ނުޖެހޭނެ. މީގެ ސަބަބުން ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ“ ޑރ. ކިނާނަތު ވިދާޅުވިއެވެ.




