ކުޅުދުއްފުށި ސިޓީގެ ފެނުގެ ޚިދުމަތް ދިނުން އިޔާދަ ކުރަނިވި ހަކަތައަށް މުޅިން ބަދަލުކޮށް، މިއަހަރުގެ ތެރޭގައި އެ ޚިދުމަތް ދޭން ފަށާނެ ކަމަށް އެމްޑަބްލިއުއެސްސީ ގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަތީން ވިދާޅުވީ، ކުޅުދުއްފުށީގައި ޑީސަލް ބޭނުންނުކޮށް ފުލް ސޯލަރ ނިޒާމަކުން ފެން އުފެއްދުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ.
އަދި މިއަހަރުގެ ފުރަތަމަ ކުއަޓަރގެ ތެރޭގައި މި ނިޒާމުގެ ދަށުން ފެން ފޯރުކޮށްދޭން ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މަތީން ވިދާޅުވިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީ އާއި ޖަޕާނުގެ ކެނެޑޭވިއާ ކުންފުންޏާ ދެމެދު ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ކުޅުދުއްފުށީގައި ގާއިމްކުރާ މި ނިޒާމަކީ ދުވާލެއްގެ މައްޗަށް 500 ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލުކަން ހުރި ޑީސެލިނޭޝަން ޕްލާންޓެކެވެ. މި ޕްލާންޓަށް ބޭނުންވާ ހަކަތަ ހޯދުމަށް 500 ކިލޯވޮޓުގެ އަވިން ހަކަތަ އުފައްދާ ނިޒާމަކާއި، ހަކަތަ ރައްކާކުރުމަށް 1450 ކިލޯވޮޓުގެ ބެޓަރި ނިޒާމެއް ގާއިމްކުރެވޭނެއެވެ. މީގެ ސަބަބުން ތެލަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަވެ، ބޭރު ފައިސާ ސަލާމަތް ކުރެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ފާހަގަކުރެއެވެ.
”އޭގެ ސަބަބުން ވަރަށް ގިނަ ތެޔޮ ސަލާމަތްވާނެ، ތެޔޮ ސަލާމަތް ވުމަކީ ވަރަށް ގިނަ ޑޮލަރު ސަލާމަތް ވާނެކަމެއް. މި ނިޒާމު ޤާއިމްކޮށް ނަމޫނާ ރަށެއް ގޮތުގައި އެރަށް ވެދާނެ،“ މި މަޝްރޫޢުގެ މުހިންމުކަމާ ގުޅޭގޮތުން މަތީން ވިދާޅުވިއެވެ.
އަދި ކުރިމަގުގައި ރ. ދުވާފަރު އަދި ކ. މާފުށި ފަދަ ރަށްތަކުގެ ފެނުގެ ނިޒާމުވެސް މިފަދަ ގޮތަކަށް ބަދަލުކުރުމުގެ ވިސްނުން ހުރިކަން މަތީން ހާމަކުރެއްވިއެވެ.
މި މަޝްރޫޢަށް ބޭނުންވާ ފައިސާގެ 46 އިންސައްތަ ހަމަޖައްސަނީ އެމްޑަބްލިއުއެސްސީގެ އަމިއްލަ ކޭޝްފްލޯ އާއި ބޭންކް އޮފް މޯލްޑިވްސްގެ ގްރީން ފައިނޭންސިން އެހީގެ ދަށުންނެވެ.
މަޝްރޫޢުގެ ބާކީ ބައި ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ޖަޕާން ސަރުކާރާއި ކެނެޑޭވިއާ ކޯޕަރޭޝަނުންނެވެ.



