އަތޮޅު ހޮސްޕިޓަލުތަކަށް ބޭނުންވާ ލޯންޗުތައް މިމަހުގެ ނިޔަލަށް ފޮނުވައި ނިމޭނެކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވެއްޖެެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މޯލްޑިވްސް ހެލްތު ލައިންއަށް އިތުރުކުރެވޭ 7 ލޯންޗްއާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ އަތޮޅުތަކުގައި ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ އެންމެ މުހިންމު ސިޔާސަތަކީ އަތޮޅު ހޮސްޕިޓަލްތަކުން ސިއްޙީ މަރުކަޒުތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. މި ލޯންޗުތަކުގެ ސަބަބުން ރީޖަނަލް ހޮސްޕިޓަލާއި އަތޮޅު ހޮސްޕިޓަލުގައި ތިއްބަވާ ޚާއްސަ ޑޮކްޓަރުން އަތޮޅުގެ އެކި ރަށްތަކަށް ޒިޔާރަތްކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ މިކަން ހަރުދަނާކޮށް ގެންދިޔުމަށްޓަކައި ކޮންމެ އަތޮޅު ހޮސްޕިޓަލެއްގައި އަދި ރީޖަނަލް ހޮސްޕިޓަލެއްގައިވެސް ދަތުރު ކުރެވޭނެ ނިޒާމެއް ޤާއިމްވެފައި އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ހެލްތު މިނިސްޓްރީމް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު ލޯންޗު ލިބިފައި ނެތް 7 އަތޮޅަކަށް ލޯންޗު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި ޖަނަވަރީ މަސް ނިމުމުގެ ކުރިން އެ ހުރިހާ އަތޮޅަކަށް ލޯންޗު ފޮނުވައި ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”މިޖަނަވަރީ މަސް ނިމުމުގެ ކުރިން މި ދެންނެވި 7 އަތޮޅަށް ލޯންޗު ފޯރުކޮށްދެވޭނެ. މިއަދު އަޅުގަނޑުމެން މި ފޯރުކޮށްދިނީ ދެ އަތޮޅަކަށް ބޭނުންވާ ލޯންޗު، އެއީ ހުވަދު އަތޮޅުގެ. ވަރަށް އަވަހަށް ދާލު އަތޮޅަށްވެސް ފޯރުކޮށްދެވޭނެ. ބާކީ އިން 4 އަތޮޅުތަކަށް މިމަސް ނިމުގެ ކުރިން ފޯރުކޮށްދެވޭނެ،“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ސީ އެމްބިއުލާންސް ނުލިބިގެން އުޅޭ ހާލަތްތަކުގައިވެސް މި ލޯންޗުތައް ބޭނުންކުރެވޭނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި މަސައްކަތަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި ހެލްތު މިނިސްޓްރީއާ ގުޅިގެން ކުރިޔަށްގެންދާ ”އޭޝިއާ ޕެސިފިކް ވެކްސިން އެކްސެސް ފެސިލިޓީ ޕްރޮޖެކްޓް“ (އެޕްވެކްސް) ގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.
މި ލޯންޗުތަކަކީ އައުޓްރީޗް ޕްރޮގްރާމްތަކުގެ އިތުރުން، ރަށްތަކަށް ވެކްސިން ފޯރުކޮށްދިނުމަށާއި، ލެބޯޓްރީ ސާމްޕަލްތައް އުފުލުމުގެ އިތުރުން އެމަރޖެންސީ ހާލަތްތަކުގައި ބަލިމީހުން އުފުލުމަށްވެސް ބޭނުންކުރެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ އުޅަނދުތަކެކެވެ.
މި ޕްރޮޖެކްޓްގެ ދަށުން ގެންނަ 7 ލޯންޗުގެ ތެރެއިން 3 ލޯންޗެއް މިހާރު ވަނީ މާލެ ގެނެވިފައެވެ.


