ޔޫއެސް މޮންޓާނާ ނޭޝަނަލް ގާޑްގެ ސިފައިންނާއި ދިވެހި އަސްކަރިއްޔާއިން ގުޅިގެން ބާއްވާ އެކްސަސައިޒް ”ބްލެކް މަރލިން“ ފަަށައިފި އެވެ.
އެކްސަސައިޒް ފެށުމުގެ ގޮތުން ބަންޑާރަކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ޔޫއެސް މޮންޓާނާ ނޭޝަނަލް ގާޑުގެ އެޖުޓަންޓް ޖެނެރަލް، މޭޖަރ ޖެނެރަލް ޕީޓަރ ރޮނެކް ވަނީ ރިމާކްސް ހުށަހަޅުއްވައި ދެއްވާފަ އެވެ.
މިއަދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަން ތާވަލުކޮށްފައިވާ އެކްސަސައިޒް ”ބްލެކް މަރލިން“ ގެ މި އެޑިޝަންގައި ފަސް އެސްއެމްއީއީ (ސަބްޖެކްޓް މެޓަރ އެކްސްޕަރޓް އެކްސްޗޭންޖް ޕްރޮގްރާމް) ކުރިއަށް ގެންދިއުމަށް ވަނީ ހަަމަޖެހިފަ އެވެ. އޭގެތެރޭގައި، އިންޓެލިޖަންސް، ލޮޖިސްޓިކް، މެޑިކަލް، އީއޯޑީ، އަދި އިންފެންޓްރީއާ ގުޅުންހުރި އެސްއެމްއީއީ ކުރިއަށްގެންދަން ވަނީ ނިންމާފަ އެވެ. މީގެތެރެއިން އިންފެންޓްރީ އެސްއެމްއީއީ ލ.ކައްދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، އެހެން ހުރިހާ އެސްއެމްއީއީތަކެއް ކުރިއަށް ދާނީ މާލޭގައި ކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.
ބްރިގޭޑް ނުވަތަ ބެޓާލިއަން ލެވެލްގައި އިންޓަގްރޭޓެޑް ކްރޮސް ފަންކްޝަނަލް ސްޓާފުން ލީޑުކޮށް ބެލެހެއްޓުމަށް އެންމެ އެކަށޭނެ ޓީޓީޕީއެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައި މި އަހަރުގެ އެކްސަސައިޒްގެ ތެރެއިން، ”ފީލްޑް ގްރޭޑް އެކްސްޗޭންޖް ޕްރޮގްރާމް“ ގެ ނަމުގައި އައު އެންޑީވަރއެއް އެމްއެންޑީއެފާއި ޔޫއެސް އަސްކަރިއްޔާއާ ދެމެދު ކުރިއަށް ގެންދިއުމަށް ވަނީ ރާވާފަ އެވެ. މި އެންޑީވަރއާއެކު ސްޓާފް އޮފިސަރުންގެ ޒިންމާތަކާއި، މިލިޓަރީ ޕްލޭނިންގ ޕްރޮސެސްއާއި ޓްރެއިނިންގ މެނޭޖްމަންޓްގެ ކަންކަން ކުރިއަށްވުރެ ރަނގަޅަށް ދެނެގަތުމަށް މަގުފަހިވެގެންދާނެކަމަށް އެމްޑީއެފްއިން ބުނެފައި ވެއެވެ.
މި އެކްސަސައިޒް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެެމރެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ، ހިއުގޯ ޔޮންއާގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޡް އަދި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
މިއީ، އެކްސަސައިޒް ”ބްލެކް މަރލިން“ ގެ 4 ވަނަ އެޑިޝަން އެވެ.



