މި ސަރުކާރުން ފެށި ބޯހިޔާވަހި ކަމުގެ މަޝްރޫޢުގެ ދަށުން ދޫކުރަން ނިންމާފައިވާ ގޯތިތަކުގެ ރަޖިސްޓްރީ ހަދާ، އިން ވަކިކޮށް ގޯތި ޙަވާލު ކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން، ފުރަތަމަ ސްކީމަށް ހުޅުވާލާ މީޑިއާތަކަށް މިއަދު ދެއްވި އިންޓަވިއުއެއްގައެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ، 2008 ވަނަ އަހަރުގެ ފަހުން އައި އެއްވެސް ސަރުކާރަކަށް އެ ސަރުކާރަކުން ފެށި ޕްރޮޖެކްޓެއް ނިންމައި ފްލެޓަށް މީހުން ވެއްދިފައި ނުވާ ކަމަށެވެ.
ނަމަވެސް މި ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި މަޝްރޫޢުތައް ނިންމާ އެ ތަންތަނުގައި ރައްޔިތުންނަށް ދިރިއުޅެވޭވަރު ކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ އެ ސްކީމުގެ ދަށުން ހުޅުވާލި 15،000 ގޯތި އަދި 7،900 ފްލެޓުގެ މަސައްކަތް ނިންމާ، މި ދައުރުގެ ތެރޭގައި ޙަވާލުކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ އެ ސްކީމުގެ ދަށުން މިހާރު ތަރައްޤީކުރަން ނިންމާފައިވާ ހުރިހާ ބޯހިޔާވަހި ކަމަކީ، އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާވެސް ހަމަޖެހިފައިވާ މަޝްރޫޢުތަކެއް ކަމަށެވެ.
މީގެތެރޭގައި ބީއެމްއެލްއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢާއި، އިންޑިއާ ސަރުކާރުގެ އެހީގައި ފައިނޭންސް ލިބިފަވާ 4،000 ޔުނިޓާއި އަދި ސަޢުދީ ފަންޑާއި އެހެނިހެން ބޭރުގެ އެހީތަކުގައި ހަމަޖެހިފަވާ މަޝްރޫޢުތައް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ސްކީމްތަކަށް ހުށައެޅުމުގެ އުސޫލާއި ޝަރުތުތަކާއި މާކްސް ދޭނެ އުސޫލުތައް ސަރުކާރުން މިއަދު ވަނީ ގެޒެޓުގައި ޝާޢިއުކޮށްފައެވެ.
އަންނަ އެޕްރީލް މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް އެ ސްކީމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ސަރުކާރުން ވަނީ ހުޅުވާލާފައެވެ.



