ކ. ތާޖް އެގްޒޯޓިކާ ރިސޯޓް ކައިރިން ދަތުރުކުރި ބޯޓު ބަންޑުންޖަހާލި ހާދިސާގައި ގެއްލުނު އެކަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
އެމްއެންޑީއެފުން މިއަދު ހެނދުނު ބުނީ ”ބަލްމާ-6“ ނަމަކަށް ކިޔާ ބޯޓް ބަންޑުން ޖަހާލި އިރު އޭގައި ތިބީ ހަތަރު މީހުން ކަމަށެވެ. އަދި އޭގެތެރެއިން 2 މީހަކު ވަނީ އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައި ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
އެ ބޯޓުގައިދެން ތިބި ދެ މީހުން ގެއްލިފައި ވާތީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ގެއްލިފައިވަނީ ދިވެއްސަކާއި ބިދޭސީއެއް ކަމަށްވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ ގެއްލުނު ދެ މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު މިހާރު ފެނިފައިވާ ކަމަށާއި އޭނާގެ ހަށިގަނޑު ފެނުނީ ތާޖް އެގްޒޯޓިކާ ރިސޯޓް ކައިރިން ކަމަށެވެ.
އަދި އެ ހަށިގަނޑު މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
އެމްއެންޑީއެފުން ބުނީ އެއީ ގެއްލުނު ދެ މީހުންގެ ތެރެއިން ދިވެހި މީހާ ކަމަށެވެ. ނަމަވެސް އޭނާއާ ބެހޭ އިތުރު ތަފްސީލެއް އަދި ހިއްސާކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ވަނީ މި ހާދިސާގައި ގެއްލުނު ބަނގުލަދޭޝް މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަން ހާމަކޮށްފައެވެ.


