އިންޑޮނީޝިއާގެ ސުލަވެސީ އައިލެންޑުގެ ފަރުބަދަަމަތީ ސަރަހައްދަކަށް ވެއްޓުނު ކަމަށް ބެލެވޭ މަތިންދާބޯޓުގެ ބައިތައް އެ ގައުމުގެ ރެސްކިއު ޓީމުތަކުން ހޯދައިފިއެވެ.
އިންޑޮނޭޝިއާގެ ޖާވާގެ ޔޯގްޔާކާޓާ އިން ދެކުނު ސުލަވެސީ ޕްރޮވިންސްގެ ވެރިރަށް މަކަސާރަށް ދަތުރު ކުރަމުން ދިޔަ އެ މަތިންދާބޯޓު ރާޑަރުން ގެއްލިފައި ވަނީ އިއްޔެއެވެ.
އިންޑޮނީޝިއާ އެއާ ޓްރާންސްޕޯޓުން އޮޕަރޭޓްކުރާ އޭޓީއާރު 42-500 މަރުކާގެ މި ބޯޓު ގެއްލިފައި ވަނީ ސައުތު ސުލަވެސީގެ މާރޯސް ޑިސްޓްރިކްޓުގެ ލީންގް-ލީންގް ސަރަހައްދުންނެވެ.
ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މިޝަނެއްގައި ދަތުރުކުރަމުން ދިޔަ އެ ބޯޓުގައި އޭރު 8 ފަޅުވެރިންނާއި، މެރިން އެފެއާޒް އެންޑް ފިޝަރީޒް މިނިސްޓްރީގެ ތިން އޮފިޝަލުން ތިއްބެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މިއަދު ހެނދުނު ވަނީ އެ ބޯޓުގެ ބައިތައް ފެނިފައެވެ.
އެގޮތުން މަކަސާރުގެ ސާޗް އެންޑް ރެސްކިއު އޮފީހުގެ ވެރިޔާ މުހައްމަދު އާރިފް އަންވަރާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އެއާފޯސް ހެލިކޮޕްޓަރަކަށް މައުންޓް ބުލުސަރައުންގެ ބޯ ޖަންގަލީގެ ތެރެއިން ބޯޓުގެ ކުޑަދޮރެއް ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
”އޭގެ ފަހުން އެއްގަމު މަގުން ދިޔަ ރެސްކިއު ޓީމުތަކަށް ބޯޓުގެ މައިގަނޑު ބައިތަކާއި ފިޔައިގެ ބައިތައް ފަރުބަދައިގެ އުތުރު ފަރާތުން ވަނީ ފެނިފައި.“ އަންވަރާ ހަވާލާދީ ރިޕޯޓުކޮށްފައި ވެއެވެ.
މީގެ އިތުރުން ރެސްކިއު ޓީމުތަކުން އެ ބޯޓުން ދަތުރުކުރި މީހުން ހޯދުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރަމުން އަންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.


