މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ލ. ގަމުން 2 މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ. ގަން، ތުނޑި / ޖަވާހިރުވިލާ، ޙުސައިން ޢާމިރު (47އ) އާއި ލ. ގަން، ތުނޑި / ރޯސް، އާމިނަތު ނިޢުމާ (43އ) އެވެ.
ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ މި މަހު 15 ވަނަ ދުވަހު ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ހުއްޓުވައި ބަލައިފާސްކުރުމަށްފަހު ކަމަށެވެ.
އެ މީހުންގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙުސައިން ޢާމިރު ފަސް ދުވަހަށް އަދި އާމިނަތު ނިޢުމާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




