މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 120،680 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން، މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 120،680 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 109،501 ފަތުރުވެރިންނެވެ.
އެހެންކަމުން މިއީ %10.2 އިތުރު އަދަދެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 9،596 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 7،099 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.
މާކެޓްތަކަށް ބަލާއިރު، މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ޗައިނާ މާކެޓުގެ ބަދަލުގައި، މިއަހަރުގެ ފުރަތަމަ 17 ދުވަހު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެގޮތުން އެންމެ ގިނައިން ފަތުރުވެރިން އައި ތިން ގައުމަކީ:
- ރަޝިއާ: 19،171 ފަތުރުވެރިން
- އިޓަލީވިލާތް: 13،601 ފަތުރުވެރިން
- އިނގިރޭސިވިލާތް: 10،365 ފަތުރުވެރިން
ވައިގެ މަގުން ފަތުރުވެރިން އަންނަ މިންވަރަށް ބަލާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ފިޔަވައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ މާފަރު އިންޓަރނޭޝަނަލް އެއާޕޯޓު އަދި ގަން އިންޓަރނޭޝަނަލް އެއާޕޯޓުން ކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް އަންނަނީ ބޮޑު ކުރިއެރުމެއް ލިބެމުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި އަހަރެކެވެ.
އެގޮތުން މިދިޔަ އަހަރު ޖުމްލަ 2.2 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.




