ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ އަލީ ޖަލީލުގެ ކެމްޕެއިން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު މިރޭ ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.
މި ޙަފްލާ އޮންނާނީ މިރޭ 20:30 ގައި ކާނިވާ ސަރަހައްދުގައި ހުންނަ ދޭންމަނިކު ސްކައިވިއު ރެސްޓޯރެންޓްގެ ތިރީގައެވެ.
މި އޮފީސް ހުޅުވުމުގެ ރަސްމިއްޔާތަށް ކޮންގްރެސް ޕާޓީގެ ލޮބުވެތި މެންބަރުންނަށް އެ ޕާޓީން ވަނީ ދައުވަތު އަރުވާފައެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމުގެ ޓިކެޓަށް ކުރިމަތި ލެއްވީ އެންމެ ބޭފުޅެއްކަމުން ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލަށް ވަނީ އެ ޕާޓީގެ ޓިކެޓް ކަށަވަރުވެފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތާވަލުކޮށްފައިވަނީ މި އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހަށެވެ.




