2026 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ވާދަކުރުމަށް ދަ ޑިމޮކްރެޓްސް އިން ނިންމައި، އެ ފުރުސަތު މެމްބަރުންނަށް ހުޅުވާލައިފިއެވެ.
ޑިމޮކްރެޓްސް އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އިންތިހާބާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ފޯރުކޮށްދޭންޖެހޭ މައުލޫމާތާއި، ޕާޓީގެ އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން އެކަށީގެންވާ މިންވަރަށް ފުރިހަމަކޮށް ތައްޔާރުވެފައިވާ ކަމަށެވެ.
އެހެންކަމުން، ޕާޓީގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރަން ބޭނުންވާ މެމްބަރުންނަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
އެ ޕާޓީން އިތުރަށް ބުނެފައިވަނީ، އެއް ގޮނޑިއަކަށް އެކަކަށް ވުރެ ގިނަ ކެންޑިޑޭޓުން ޝައުގުވެރިކަން ފާޅުކޮށް ފޯމު ހުށަހަޅައިފި ނަމަ، ޕާޓީގެ ޓިކެޓް ދޭނެ ފަރާތެއް ކަނޑައެޅުމަށްޓަކައި ޕްރައިމަރީއެއް ބާއްވާނެ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން (އީސީ) ވެސް މިހާރު ވަނީ ހުޅުވާލާފައެވެ. ކެނޑިޑެސީ ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެ ރޭ 12:00 އާ ހަމައަށް އޮންނާނެ ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.
މިފަހަރުގެ އިންތިހާބުގައި ކެނޑިޑެސީ ފޯމު ހުށަހަޅަން ޖެހެނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
އަމިއްލަ ގޮތުން ވާދަކުރާ ފަރާތްތަކުން މަދުވެގެން 50 މީހުންގެ ތާއީދު އޮތްކަން ޕޯޓަލް މެދުވެރިކޮށް ޔަގީންކޮށްދޭން ޖެހޭއިރު، ސިޔާސީ ޕާޓީތަކުގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓުންވެސް ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމަކުރަން ޖެހޭނެއެވެ.



