މާލެ ރައްޔިތުން އެދޭފަދަ ހިދުމަތެއް ދޭން ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ކަމަށް ޕީއެންސީ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލް ރޭގައި ވިދާޅުވެއްޖެއެވެ.
ޖަލީލު މިހެން ވިދާޅުވީ އޭނާގެ ކެމްޕެއިނު ޖަގަހަ ހުޅުވުމަށް ރޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ޖަލީލް ވިދާޅުވީ 2011 ވަނަ އަހަރު ކައުންސިލްތައް އުފެދުނު ފަހުން 10 އަހަރު ފާއިތުވިއިރު ވެސް މާލެ ރައްޔިތުން ބޭނުންވާ ކަންކަން މާލޭ ސިޓީ ކައުންސިލްގެ އޭރުގެ މޭޔަރުންނަށް ނުކުރެވުނު ކަމަށެވެ.
އަދި މާލެ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަންކުރަން ފެށީ 2021 ވަނަ އަހަރު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މޭޔަރު ކަމަށް އިންތިހާބުވެ ވަޑައިގަތުމުން ކަމަށް ޖަލީލް ވިދާޅުވިއެވެ.
”މާލޭ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ހިނގަން ފެށީ 2021 ވަނަ އަހަރުން ފެށިގެން.މާލޭގެ މޭޔަރު ކަމަށް ރައްޔިތުންގެ އެންމެ ގިނަ ވޯޓުން މިހާތަނަށް އިންތިހާބުކުރި ހިދުމަތްތެރި ޒުވާން މޭޔަރު ރައީސް މުއިއްޒު އެ މަގާމުގައި ހުންނެވި 2 އަހަރާއި 5 މަހާއި ދުވަސްކޮޅުގެ ތެރޭގައި މާލެ ސިޓީގެ މުނިސިޕަލް ހިދުމަތުގެ ރަންޒަމާން އައިސްގެން. ރައްޔިތުންގެ ގޭގެއަށް ސިލްސިލާކޮށް ޒިޔާރަތް ކުރެއްވި. ރައްޔިތުންގެ ބައްދަލުވުންތައް ބޭއްވެވި. އެ ބައްދަލުވުންތަކަކީ ސިލްސިލާކޮށް ބޭއްވެވި ރައްޔިތުންގެ އަޑު ގާތުން އެއްސެވި ހާލު އަހުވާލު ބެއްލެވި. މޭޔަރު ކަަމުގައި ހުންނަވައި އެޕޮއިންޓްމަންޓަކަށް އެދުނު ކޮންމެ މީހަކާ، ރައްޔިތަކާ ބައްދަލު ކުރެއްވި.“ ޖަލީލް ވިދާޅުވިއެވެ.
އޭގެ އިތުރުން މާލޭގައި އެތައް ޒަމާނެއް ވަންދެން ހައްލު ނުކުރެވި ހުރި ކަންކަން ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި ހައްލު ކޮށްދެއްވި ކަމަށާއި ތަފާތު އެކި އުނދަގޫތަކުން މާލޭގެ ރައްޔިތުން ސަލާމަތް ކޮށްދެއްވި ކަމަށް ވެސް ރޭގައި ވާހަކަ ދައްކަވަމުން ޖަލީލް ވިދާޅުވިއެވެ.




