ދިވެހި ފުލުހުންގެ ހިދުމަތުގެ ބޭނުމަށް ރާއްޖޭން ބޭރުން ބިދޭސީން ގެނައުމާއި އެފަރާތްތަކާއި ގުޅޭގޮތުން ސަރުކާރު އިދާރާތަކުން ކުރަންޖެހޭ ހުރިހާ ކަންކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުލުހުންގެ އިދާރާއިން ކުރި އިއުލާނު ބާޠިލުކޮށްފި އެވެ.
ސަރުކާރުގެ ގެޒެޓުގައި އެއިދާރާއިން ކުރި އިއުލާނުގައި، މި މަސައްކަތަށް ޝައުގުވެރިވާ މީހުންްނަށް ބީލަމުގައި ރަޖިސްޓްރީ ވުމަށް މި މަހުގެ 14ވަނަ ދުވަހާއި ހަމަޔަށް ހުޅުވާލި އެވެ. ބީލަން ހުޅުވާނެކަމަށް އޭގައި ބުނެފައިއޮތީ، މިމަހުގެ 18ވަނަ ދުވަހުގެ 14:00 ގައި އިސްކަންދަރު ކޮށި އެކެއްގައެވެ.
އެހެންނަމަވެސް މިރޭ ފުލުހުންގެ ތަރުޖަމާނު، ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝިފާން ވިދާޅުވީ މިހާރު އެއިއުލާނު ބާޠިލުކޮށްފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އެ އިޢުލާނަކީ އާދައިގެމަތިން، ފުލުހުންގެ އިދާރާގެ ބަހާތަކުގައި ބިދޭސީންލައްވާ ކުރުވަމުންއައި މަސައްކަތްތައް ކުރުމަށް، ބިދޭސީން ހޯދުމަށް ކޮށްފައިވާ އިޢުލާނެއްކަމަށެވެ. އަދި، އިޢުލާނު ބާތިލް ކުރީ، ދިވެހިންނަށް ވަޒީފާދިނުމުގައި އިސްކަންދެވޭގޮތަށް، އެފަދަ ވަޒީފާތަކަށް މީހުން ހޯދުމުގައި ފުލުހުންގެ ޚިދުމަތުން ޢަމަލު ކުރުމަށް ނިންމުމާއި ގުޅިގެން ކަމަށެވެ.
އެ އިއުލާނު ބާޠިލުކުރުމާއި ގުޅިގެން މިހާރު ވަނީ ގެޒެޓުންވެސް އެއިއުލާނު ނަގާފަ އެވެ.
މީގެ ކުރިން ފުލުހުންގެ ލޮޖިސްޓިކް ބައެއް މަސައްކަތްތަކުގައި ބިދޭސީން ކޮންމެވެސް ވަރަކަށް ބޭނުންކުރެއެވެ.




