ވަޒީފާއިން ރިޓަޔަރކުރުމަށްފަހު އަލުން ދައުލަތުގެ ވަޒީފާއެއް އަދާކުރާނަމަ ނުވަތަ އިންތިޚާބީ މަގާމަކަށް ހޮވިއްޖެނަމަ އެކަން އެންގުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އެދިއްޖެއެވެ.
މިކަމަށް އެދިފައިވަނީ ދައުލަތުގެ ބައެއް އިދާރާތަކުގެ ރިޓަޔަރމަންޓް ގަވާއިދުތަކަށް ގެނައި އިސްލާހުތަކާ ގުޅިގެންނެވެ.
ޕެންޝަން އޮފީހުން ވިދާޅުވީ ސިފައިންނާއި، ފުލުހުން އަދި ސިވިލް ސަރވިސްގެ ރިޓަޔަރމަންޓް ގަވާއިދުތަކަށް ގެނެސްފައިވާ އިސްލާހުތަކުގެ ދަށުން، ރިޓަޔަރމަންޓް އިނާޔަތް ލިބޭ ގޮތަށް ވަޒީފާއިން ވަކިވެފައިވާ ފަރާތެއް، އަލުން ދައުލަތުގެ މަގާމަކަށް އިންތިޚާބުވެއްޖެނަމަ ނުވަތަ ދައުލަތުގެ ވަޒީފާއެއް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރަން ފަށާފައިވާނަމަ، އެ ވަޒީފާގައި ދެމިހުންނަ މުއްދަތުގައި ރިޓަޔަރމަންޓް އިނާޔަތް މެދުކަނޑާލެވޭނެ ކަމަށެވެ.
މި ބަދަލާއެކު، ރިޓަޔަރކުރުމަށްފަހު ދައުލަތުގެ އެހެން ވަޒީފާއެއް އަދާކުރަން ފަށާފައިވާ ފަރާތްތަކަށް މި މަހުން ފެށިގެން މަހުން މަހަށް ދެވޭ ރިޓަޔަރމަންޓް އިނާޔަތް ދިނުން ވަނީ މެދުކަނޑާލާފައެވެ. ޕެންޝަން އޮފީހުން ހާމަކުރި ގޮތުގައި، މިފަދަ ފަރާތްތަކަށް އަލުން އިނާޔަތް ދޭން ފަށާނީ ފަހުން އަދާކުރި ވަޒީފާ ނުވަތަ މަގާމުން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެންނެވެ.
ޕެންޝަން އޮފީހުން އިތުރަށް ވިދާޅުވީ، ރިޓަޔަރކުރުމަށްފަހު ދައުލަތުގެ އެހެން ވަޒީފާއެއް މިހާރު އަދާކުރާ ފަރާތްތަކުން ނުވަތަ އެފަދަ ވަޒީފާއަކުން މި މަހުން ފެށިގެން ވަކިވާ ފަރާތްތަކުން، ޚާއްސަ ފޯމު މެދުވެރިކޮށް ނުވަތަ ލިޔުމުން އެ އޮފީހަށް އަންގަންވާނެކަމަށެވެ.
ރިޓަޔަރކުރުމުން ދިގު މުއްދަތަށް ޕެންޝަން ލިބޭ އިދާރާތަކުގެ ތެރޭގައި ފުލުހުން، އެމްއެންޑީއެފް، ކަސްޓަމްސް، އިމިގްރޭޝަން އަދި ކަރެކްޝަންސް ހިމެނެއެވެ.
މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިން އިޢުލާނުކުރައްވާފައިވާ ބަދަލެކެވެ. ރައީސް ވިދާޅުވެފައިވަނީ ބައެއް މަގާމުތަކުގައި ރިޓަޔާޑް ބޭފުޅުން ތިއްބަވާއިރު، މަގާމުގެ މުސާރައިގެ އިތުރުން ރިޓަޔަރމަންޓް އެލަވަންސް ލިބޭތީ އާންމުންގެ ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ.



