ބިދޭސީން މަސައްކަތްކުރާ ސައިޓުތަކުގެ ތެރެއިން ޕްރޮޖެކްޓުގެ މުއްދަތު ހަމަވެފައިވާ ތަންތަން އަލުން ރަޖިސްޓްރީކުރުމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން މިއަދު އިލްތިމާސްކޮށްފިއެވެ.
ހޯމްލޭންޑް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެނައުމަށް ޕްރޮޖެކްޓު އުސޫލުން ރަޖިސްޓްރީކޮށްފައިވާ ވޯކްސައިޓުތަކުގެ ތެރެއިން ޕްރޮޖެކްޓުގެ މުއްދަަތު ހަމަވެފައިވާ ކަމަށް އެކްސްޕެޓް ސިސްޓަމުން ދައްކާ ސައިޓުތައް މާދަމާއިން ފެށިގެން ”ޕެންޑިން ސައިޓް ކްލިއަރެންސް“ ސްޓޭޓަސް އަށް ބަދަލުވާނެ ކަމަށެވެ.
މީގެ އިތުރުން، ރަޖިސްޓްރީކޮށްފައިވާ ވޯކް ސައިޓުގެ ތެރެއިން ކޯޓާއެއް ނުނަގައި އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ސައިޓުތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ”އިން-އެކްޓިވް“ ސްޓޭޓަސް އަށް ބަދަލުކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ. އެހެންކަމުން، މުއްދަތު ހަމަވެފައިވާ ވޯކް ސައިޓުތައް އަލުން އެކްޓިވޭޓް ކުރުމަށްޓަކައި ލިޔެކިޔުންތައް އާ ކުރުމަށްފަހު އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވޯކް ސައިޓުގެ ޑޮކިއުމަންޓު އަޕްޑޭޓުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި އިމިގްރޭޝަނުން އަންނަނީ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ ބޮޑު ޕްރޮގާރްމެއް ހިންގުމަށް ފަހު، މިހާރު ވަނީ އެ މައުލޫމާތު ނުދީ ތިބި ބިދޭސީން ޑީޕޯޓްކުރަން ނިންމައިފައެވެ.
މިނިސްޓްރީން އެންމެ ފަހުން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ޖުމްލަ 181,093 ބިދޭސީންގެ ބަޔޯމެޓްރިކްސް މައުލޫމާތު ވަނީ ސިސްޓަމްގައި އަޕްޑޭޓުކޮށްފައެވެ.



