ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ވިލިމާލޭގައި ތަރައްޤީކުރާ ”ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް“ ގެ ޢަމަލީ މަސައްކަތްތައް ފެށުމަށް، އެކަމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު އިއްޔެ ސޮއިކޮށްފިއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އެމްބަސީގެ ކައުންސެލަރ ޒެންގެ ޒޫ އެވެ.
ވިލިމާލޭގައި 112 އެނދުގެ އެ ހޮސްޕިޓަލް ތަރައްޤީކުރަނީ ޓަރޝަރީ ފެންވަރަށެވެ.
އެ ހޮސްޕިޓަލް އިމާރާތްކުރަނީ 12،890 އަކަމީޓަރުގެ ސަރަޙައްދެއްގައެވެ.
މި ހޮސްޕިޓަލުގައި އައުޓްޕޭޝަންޓް އަދި ކުއްލި ފަރުވާގެ ޚިދުމަތްތަކާއި ބަލި ދެނެގަތުމަށާއި ފަރުވާ ދިނުމަށް ޚާއްޞަ ސަރަޙައްދުތަކާއި މެޑިކަލް ވޯޑުތަކުގެ އިތުރުން އިދާރީ އޮފީސްތައް ހިމެނޭނެއެވެ. ހަމައެހެންމެ ޓަރޝަރީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެހައި މެޑިކަލް އިކުއިޕްމަންޓާއި ފަރުނީޗަރުވެސް މި މަޝްރޫޢުގެ ދަށުން ޗައިނާ ސަރުކާރުން ފޯރުކޮށްދޭނެއެވެ.
މި މަޝްރޫޢަކީ ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މި މަސައްކަތުގެ ޑިޒައިންގެ މަސައްކަތްތަކާއި ސަރވޭގެ މަސައްކަތްތައް ކުރިއަށްގެންދިޔައީ މިދިޔަ އަހަރުއެވެ.
2027 ވަނަ އަހަރަށް ނިންމުމަށް ކަނޑައަޅާފައިވާ “ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް” ތަރައްޤީ ކުރެވިގެންދާނީ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ޚިދުމަތްތަކެއް އެންމެ އެކަށީގެންވާ ގޮތުގައި ލިބިގެންދާ ގޮތަށް ކަމުގައި ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
ހެލްތު މިނިސްޓްރީން ބުނީ ”ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް“ މަޝްރޫޢަކީ ދެ ޤައުމުގެ ދެމެދުގައިވާ ޚާރިޖީ ގުޅުން އައު ހަރުފަތްތަކަކަށް ގެންދާނެ އަދި ރާއްޖޭގެ ޞިއްޙީ ދާއިރާގެ ކުރިއެރުމަށް އިސްތިރާޖީ މުހިއްމު ބިނާއެއް ކަމަށެވެ.
މިއީ ދިވެހިރާއްޖޭގެ އާންމު ޞިއްޙަތު ހަރުދަނާކޮށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބޭ އިތުރު ކުރިއެރުމެއް ކަމަށް ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.



