އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރ ޑިވެލޮޕްމެންޓް (އިފާޑް)އާއި ދިވެހި ސަރުކާރާއި ގުޅިގެން މި މިނިސްޓްރީން ކުރިއަށް ގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް(މެޕް) އިން، ށ. ގޮއިދޫގައި ގާއިމު ކުރާ ގްރީން ހައުސްތަކުގެ މަސައްކަތުގެ 75 އިންސައްތަ ވަނީ ނިމިފައެވެ.
މިކަން ހާމަކޮށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނީ މި މަސައްކަތް ކުރަމުންދަނީ އެ ރަށުގެ ކައުންސިލްގެ ފުރިހަމަ އެހީތެރިކަމާއި އެކުގައި ކަމަށެވެ.
މިނިސްޓްރީން ބުނީ ގޮއިދޫ ފާހަގަ ކުރެވެނީ ޒަމާނީ ދަނޑުވެރިކަމަށް ލޯ ހުޅުވިފައިވާ، އަދި ދަނޑުވެރިކަމުގައި ކުރިޔަށް ދިއުމަށް ޝައުގާއި އެކު މަސައްކަތް ކުރަމުން އަންނަ ދަނޑުވެރިންތަކެއް ތިބި ރަށެއްގެ ގޮތުގައި ކަމަށެވެ.
އެގޮތުން އެރަށުން 10 ދަނޑެއް ވަނީ ރާއްޖޭގައި އެންމެ ފުރަތަމަ 5 މޮޑިއުލް ހިމެނޭ މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސް(އެމްގެޕް) ސެޓްފައިޑް ވެފައެވެ.
މީގެ އިތުރުން އެ ރަށުގައި، ދަނޑުވެރިކަމުގެ އުފެއްދުންތަކުން އަގު އެއްކޮށް ބާޒާރަށް ނެރުމަށް، ފެސިލިޓީއެއް ވަނީ ޤާއިމުކޮށް ނިމިފައި ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އަދި މިހާރު ކުރަމުން ދަނީ އެތަނަށް ބޭނުންވާ މެޝިނަރީތައް ހޯދުމުގެ މަސައްކަތް ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.
މެޕް ޕްރޮޖެކްޓުން ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް އަންނަނީ ގިނަ ޕްރޮޖެކްޓުތަކާއި، ތަމްރީންތައް ހިންގަމުންނެވެ.
ރާއްޖޭގައި ދަނޑުވެރިކަން ކުރިއެރުވުމަށް ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީން ކުރަމުންދާ މަސައްކަތުގައި، ވެސް އެ ރަށުގެ ކައުންސިލާއި ދަނޑުވެރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ދެމުން އަންނަ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.



