ކުރިއަށް އޮތް 5 ދުވަހުވެސް އުތުރާއި މާލެ ސަރަހައްދުގެ ރަށްތަކަށް ނުރައްކާ މިންވަރަކަށް ވައި ނުސާފުވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މެޓުން މިގޮތަށް ލަފާ ކޮށްފައި ވަނީ ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުންނެވެ.
ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ދުންފުހުގެ އަސަރު ކުރާނެ ކަމަށާއި، ހާއްސަކޮށް ރާއްޖޭގެ އުތުރާއި މާލެ އަތޮޅުގެ ރަށްތަކަށް ދުންފުހުގެ އަސަރު ވަރަށްބޮޑަށް ކުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
އަދި ދެކުނުގެ އަތޮޅުތަކުގައިވެސް ވައި ނުސާފުވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
މިގޮތުން އައިކިއުއެއާއިން ދައްކާ ގޮތުގައި، މިއަދު މާލޭގެ ވައިގެ ކޮލިޓީ އުޅެނީ 111 ގައެވެ. އަދި މާލޭގެ ވައިގައި ހިރަފުހާއި ދުމާއި ކުނޑި އުޅެނީ ކޮންމެ ކިއުބިކް މީޓަރަކަށް 39.8 މައިކްރޯގްރާމުގައެވެ.
ރާއްޖޭގައި އާންމުކޮށް ވައި ނުސާފުވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކޮންމެ އަހަރެއްގެވެސް ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށުމާއެކު، ދެކުނު އޭޝިއާގެ ޤައުމުތަކުން އިންޑަސްޓްރިއަލް ޕޮލިއުޓެންޓްތައް ހިމެނޭ ދުމާއި ވިލާގަނޑު ރާއްޖެ ސަރަހައްދަށް އަންނާތީވެއެވެ.
ވައިގެ ކޮލިޓީ މެދުމިން (51-100) ނުވަތަ ނުރަނގަޅު މިންވަރަށް ދާނަމަ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ސެންސިޓިވް ގްރޫޕްތަކަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އިރުޝާދު ދީފަ އެވެ.
މިގޮތުން ސެންސިޓިވް ގްރޫޕްތަކުގައި ހިމެނެނީ ކުޑަކުދިން، މުސްކުޅިން، އަދި ހިތާއި ފުއްޕާމޭގެ ބަލިތައް ހުންނަ ފަރާތްތަކެވެ.



