އައްޑޫއިން ފެނުގެ ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެކަމަށް ފެނަކަ ކޯޕަރޭޝަން އިން ބުނެފި އެވެ.
ފެނަކަ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފެން ބޭނުންކުރާ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ އިރު، މިހާރު ބަހައްޓާފައިވާ ފެން ޕްލާންޓުން އުފައްދާ ފެނަށް ވުރެ ބޭނުންކުރާ ފެނުގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އަދި،އައްޑޫގެ ސަޕްލައި ފެނުގެ ކެޕޭސިޓީ މިހާރު އޮތީ އިތުރުވަމުން އަންނަ އާބާދީއާ އެންމެ އެކަށީގެންވާ ފެނުގެ ނެޓްވޯކެއް ނޫން ކަމަށާއި، ފާއިތުތި ފަސް އަހަރުގެ ތެރޭގައި ފެނުގެ ނިޒާމު މަރާމާތުކޮށް، ކެޕޭސިޓީ އިތުރުކުރަން މަސައްކަތްކޮށްފައި ނެތުމުން ސަޕްލައި ފެނުގެ ނިޒާމު ދަށީ ކަމަށް ފެނަކައިން ބުނެފައި ވެއެވެ.
ފެނަކަ އިން ބުނީ އައްޑޫގެ ފެނުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކޮށް، އެއް އަހަރު ދުވަހުގެ އަޕްގްރޭޑިން މަޝްރޫއެއް ފަށާފައިވާކަމަށާއި، މަޝްރޫއު ނިމުމުން އައްޑޫގެ ސަޕްލައި ފެނަށް ދިމާވެފައިވާ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި މިހާރު ވެސް ފެނުގެ ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން އެކުންފުނިން ވަނީ ދީފަ އެވެ.
”މިހާރުގެ މެނޭޖުމަންޓުން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި، އިތުބާރާއި ޔަގީންކަމާ އެކު ފޯރުކޮށްދެވޭނެކަން ކަށަވަރުކޮށް، ޚިދުމަތް ދިނުމުގެ ރޮނގުން ކުންފުނި ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށް ރައްޔިތުންގެ އިތުބާރު އަލުން އިއާދަކުރުމަށް.“ ފެނަކައިގެ ބަޔާނުގައި ވެއެވެ.
ސަރުކާރުން ވަނީ އައްޑޫ ސިޓީގެ ފެނުގެ ނިޒާމު އަޕްގްރޭޑްކުރަން 282.6 މިލިއަން ރުފިޔާ މަޝްރޫއެއް ފަށާފަ އެވެ. މިދިޔަ މަހުގެ 13 ވަނަ ދުވަހު އެމްޑަބްލިއުއެސްސީއާ މި މަސައްކަތް ހަވާލުކުރީ އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކަށް ފެންސަޕްލައި ކޮއްދިނުމުގައި ދިމާވެފައިވާ މައްސަލައަށް ހައްލެއް ނުލިބި ދިގުލައިގެން ރައްޔިތުންގެ ޝަކުވާ އިތުރުވަމުން އަންނަކަމަށާއި، އަދި އެކަން ހައްލުކުރުމަށް އެ ޚިދުމަތްދޭ ކުންފުނި ނުކުޅެދިފައިވާކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައި ވެއެވެ.
“މިކަމަށް ހައްލު ހޯދަން މިހާ ދުވަސްނަގަން ޖެހުމަކީ ނުކުޅެދުމެއް. މިތަކްލީފަށް އަވަސް ހައްލެއް ހޯއްދަވައި ދެވުމަށް ފެނަކައިގެ މެނޭޖްމެންޓަށް ދަންނަވަން.” ނިޒާރު ވިދާޅުވެފައި ވެއެވެ.
އަައްޑޫ ސިޓީގެ ފެން ޕްލާންޓަށް މައްސަލައެއް ކުރިމަތިވެ، އަވަށްތަކުން ފެނުގެ ހިދުމަތް ކެނޑެންފެށީ މިއަހަރުގެ މާޗުމަހުގެ ތެރެގައެވެ. އޭރު ފެން ޕްލާންޓަށް ދިމާވި މައްސަލަ ހައްލު ކުރި ނަމަވެސް، މިހާތަނަށް ދާއިމީ ހައްލެއް ގެނެވިފައެއް ނުވެ އެވެ.



