ހުޅުމާލެ ފޭސް 3 ގެ ބިންހިއްކުމުގެ މަސައްކަތުގެ 98 އިންސައްތަ، މި މަޝްރޫޢުގެ މަސައްކަތް ހަވާލު ކޮށްފައިވާ އެމްއޭސީއެލްއިން ނިންމާލައިފިއެވެ.
މިކަން ހާމަކުރަމުން އެމްއޭސީއެލްއިން މިއަދު ބުނެފައިވަނީ ހުޅުމާލެ ފޭސް 3 ގެ ބިންހިއްކުމުގެ މަޝްރޫޢުއިން 98 އިންސައްތައިގެ މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށާއި އެއީ ބިންހިއްކުމަށް ހަމަޖެހިފައިވާ 63 ހެކްޓަރުގެ ތެރެއިން 62 ހެކްޓަރު ކަމަށެވެ.
މި މަސައްކަތުގެ ދަށުން މިހާރު އެ ސަރަހައްދުން ކަނޑުގެ ފުން ސަރަހައްދުގެ ބޮޑު ބައި މިހާރު ހިއްކާފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ތިލަ ސަރަހައްދު ހިއްކުން ކަމުގައި ވެސް އެމްއޭސީއެލް އިން ބުނެފައިވެއެވެ.
ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދެ ބޮޑު ޑްރެޖަރު ބޭނުން ކުރަމުންދެ އެވެ. އެއީ 22,000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުންނަ ޕްރިންސް ޑަރ ނެދަލޭންޑެން އާއި، ހަމަ އެ ކެޕޭސިޓީގެ އޮރަންޖް އެވެ. މި ދެ ޑްރެޖަރުންވެސް ދަނީ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ.
އެމްއޭސީއެލް އިން ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އެ ކުންފުނީގެ އަމާޒަކީ މި މަސް ތެރޭގައި މުޅި މަޝްރޫއުގެ މަސައްކަތް ނިންމާލާ، ސަރުކާރާ ހަވާލުކުރުމެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލޭގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބާއްވާ ބައްދަލުވުންތަކުގައި ވިދާޅުވެފައިވަނީ މިމަހުގެ ނިޔަލަށް މަސައްކަތް ނިންމާ، މި މަހުގެ ތެރޭގައި ފޭސް ތިނަކުން ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
އަދިި ހައުސިން މިނިސްޓަަރުވެސް ވަނީ އެކަން ހާމަކުރައްވާފައެވެ.


