ވިޒިޓް މޯލްޑިވްސްއިން ކަނޑުއަޑީގެ ދުނިޔޭގެ ރެކޯޑެއް ގާއިމުކުރުމުގެ ބޮޑު ހަރަކާތެއް މިއަދު އިއުލާނުކޮށްފިއެވެ.
”އެކްރޮސް މޯލްޑިވްސް 2026″ ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތަކީ ދިވެހި ޑައިވަރު ޝަފްރާޒް ނައީމްއާ ގުޅިގެން، 23 ޖެނުއަރީ 2026 ގައި ފެށުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ.
މި ހަރަކާތުގައި ތިން އަތޮޅަކަށް ކަނޑުއަޑިން ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު، ގާތްގަނޑަކަށް 15 ދުވަހުގެ މުއްދަތަށް ދެމިގެންދާ މި ދަތުރުގައި 450 ކިލޯމީޓަރަށްވުރެ ދިގު ރާސްތާއެއް ކަނޑުއަޑިން ކަޑަތުކުރާނެއެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނި ގޮތުގައި، މި މުއްދަތުގެ ތެރޭގައި 55 ފަހަރު ފީނައި، ’ޑައިވަރ ޕްރޮޕަލްޝަން ވެހިކަލް‘ (ޑީޕީވީ) ބޭނުންކޮށްގެން 90 ގަޑިއިރަށްވުރެ ގިނަ ވަގުތު ކަނޑުއަޑީގައި ހޭދަކުރާނެއެވެ.
މި ހަރަކާތުގެ ތެރެއިން ދެ ރެކޯޑެއް ގާއިމްކުރުމަށް ވަނީ އަމާޒު ހިފާފައެވެ. އެއީ ޑީޕީވީ ބޭނުންކޮށްގެން އެއްފަހަރު ފީނައިގެން ކަނޑުގެ ސަރަހައްދެއްގައި އެންމެ ދުރަށް ދަތުރުކުރުމުގެ ރެކޯޑާއި، އެއް މަސްދުވަހުގެ ތެރޭގައި ޑީޕީވީ ބޭނުންކޮށްގެން އެންމެ ދިގު ރާސްތާއަކަށް ދަތުރުކުރުމުގެ ރެކޯޑެވެ.
މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ އެޑްވެންޗަރ ޓޫރިޒަމްގެ ތެރެއިން ރާއްޖެއަކީ ”ކަނޑުގެ ގައުމެއް“ ގޮތުގައި ދުނިޔެއަށް ދައްކުވައިދިނުމެވެ. އަދި ކަނޑުއަޑީގެ ހަރަކާތްތަކާއި ތަފާތު ތަޖުރިބާތައް ކުރަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ މަންޒިލެއްކަން އިޝްތިހާރުކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ.
މި ދަތުރުގެ ތެރެއިން ބައެއް ރަށްރަށަށް ޒިޔާރަތްކޮށް، ތިމާވެށި ހިމާޔަތްކުރުމަށް ބާރުއަޅާ ތަފާތު ވާހަކަތަކާއި، ރާއްޖޭގެ ކަނޑުފަޅުގެ މުއްސަނދިކަން ދުނިޔެއަށް ފެންނާނެހެން ޑޮކިއުމަންޓް ކުރާނެއެވެ. މީގެ ސަބަބުން ދިވެހިންނާއި ކަނޑާއި އޮތް ސަގާފީ ގުޅުން ބައިނަލްއަޤްވާމީ ފެންވަރުގައި ހާމަވެގެންދާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.
މި މަޝްރޫޢުގެ ޓެކް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖެހިފައިވާއިރު، އެއަރލައިން ޕާޓްނަރަކީ ބިޔޯންޑް އެއަރލައިންސެވެ.




