މި އަހަރުގެ ތެރޭގައި 12,000 ހައުސިން ޔުނިޓްގެ ޢަމަލީ މަސައްކަތް ފައްޓަވާނެކަމަށް ހަައުސިން މިނިސްޓަރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން ވަނީ ބީއެމްއެލްއާ ހަވާލުކޮށްގެން 3272 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ ޕްރޮޖެކްޓެއް ފަށާފައި ކަމަށާއި އެ މަސައްކަތުގައި ހިމެނެނީ ވިލިމާލޭގައި ތަރައްޤީކުރާ 312 ހައުސިން ޔުނިޓާއި، ހުޅުމާލެ ފޭސް1ގައި ތަރައްޤީކުރާ 546 ޔުނިޓާއި ހުޅުމާލެ ފޭސް3ގައި ތަރައްޤީކުރާ 2414 ޔުނިޓް ކަމަށެވެ.
”މި މަސައްކަތުގެ ސައިޓް މަސައްކަތް މިމަހު ފަށާނެ. 2 އަހަރުން މަސައްކަތްތައް ނިންމާ މީހުން ވެއްދޭނަކަމަށް އުއްމީދަކީ.“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުގެ ޢަމާޒަކީ މިއަހަރުގެ ތެރޭގައި 12000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށުން ކަމަށާއި މިއީ އެހެން އެއްވެސް ސަރުކާރެއްގައި ފްލެޓް މަސައްކަތް ނުގެންދާ މިންވަރެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އިސްކަން ދެނީ 3 ކޮޓަރިގެ ޔުނިޓްތަކަށް ކަމަށާއި ސަރުކާރުން ދަނީ ބޯހިޔާވަހިކަމުގެ މަސައްކަތްތަކަށް ވަރަށް ބުރަކޮށް މަސައްކަތްކުރަމުން ކަމަށެވެ.




