ހުޅުމާލެއާއި މާލެއާ ދެމެދު އަޅާފައިވާ މީރު ފެން ހޮޅި ބޭނުން ކުރެވޭ ވަރަށް ނިމިއްޖެއެވެ.
މިކަންހާމަކުރައްވާ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކދައްކަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވީ، ހުޅުމާލެއާއި މާލެއާ ދެމެދު އަޅާފައިވާ މީރު ފެން ހޮޅި މިހާރު ބޭނުން ކުރެވޭ ވަރަށް ނިމިފައިވާ ކަމަށެވެ.
މަތީން ވިދާޅުވީ އެ މަސައްކަތް ލަސްވީ ދެކޮޅުގައިވެސް ޤާއިމްކުރަންޖެހޭ ޕަންޕު ސްޓޭޝަން ޤާއިމްކުރުމުގެ މަސައްކަތް ކުރަން ޖެހުމުން ކަމަށާއި މިހާރު އިމަރޖެންސީ ހާލަތުގައި އެ ހޮޅި ބޭނުން ކުރެވޭ ވަރަށް މަސައްކަތް ނިންމާފައިވާ ކަމަށެވެ.
އަދި އެ ހޮޅި ބޭނުން ކުރެވޭ ގޮތަށް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ބޭނުންވެއްޖެ ހާލަތެއްގައި ދުވާލެއްގެ މައްޗަށް ކޮޅަކަށް 2000 ޓަނުގެ ފެން ޓްރާންސްފަރ ކުރެވޭނެ ކަމަށްވެސް މަތީން ވިދާޅުވިއެވެ.
ސިނަމާލެ ބުރިޖުގެ އަރިމަތީގައި މާލެއާއި ހުޅުމާލެއާ ދެމެދު މީރު ފެން ދައުރުކުރެވޭ ގޮތަށް އަޅާފައިވާ ހޮޅީގައި ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރު އެވެ.
މާލެއާއި ހުޅުމާލެ ގުޅާލައި ޤާއިމުކުރާ ފެނުގެ ވިއުގައިގެ ބޭނުމަކީ މާލެ ސަރަޙައްދުގައި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމެވެ.




