ޕާކިސްތާނުގެ ކަރާޗީގެ ގުލް ޕްލާޒާގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝާހްބާޒް ޝަރީފަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ތަޢުޒިޔާގެ މެސެޖުގައި ރައީސް ވަނީ، އެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކުގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.
ހަމައެހެންމެ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ޕާކިސްތާނުގެ ބޮޑުވަޒީރަށާއި، ސަރުކާރަށާއި ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެ، ރައީސް ވަނީ ހަމްދަރުދީ ފާޅުކުރައްވާފައެވެ.
އަދި ހިތާމައިގެ މި ދަނޑިވަޅުގައި، ހާދިސާގައި ޒަޚަމްވެފައިވާ މީހުންނަށް ރައީސް މުޢިއްޒު ވަނީ އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން މި ހާދިސާއިން ލިބުނު ގެއްލުމުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.




