ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން 3 ރަށެއްގައި އިސްލާމީ މަރުކަޒު އަޅަން މިއަދު ހަވާލުކޮށްފިއެވެ.
އިސްލާމީ މަރުކަޒު އަޅަން ހަވާލުކުރި ތިން ރަށަކީ، ޅ. ނައިފަރު، ގއ. ވިލިނގިލި، ހއ. އިހަވަންދޫ އެވެ.
ޅ. ނައިފަރު އިސްލާމިކް މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑާއެވެ.
1000 މީހުންގެ ޖާގައިގެ އެ މަރުކަޒުގެ މިސްކިތް ބައިގައި ފިރިހެނުންގެ އިތުރުން، އަންހެނުންނަށް ނަމާދުކުރެވޭ ބައެއްވެސް ހިމެނެއެވެ.
އެ އިސްލާމީ މަރުކަޒުގައި ވުޞޫކުރާ ބައި، ކްލާސްރޫމާއި ލައިބްރަރީ އަދި ކޮންވެންޝަން ހޯލެއް ތަރައްޤީކުރާނެއެވެ.
ގއ. ވިލިނގިލީގައި 700 މީހުންނަށް ނަމާދުކުރެވޭނެ ޖާގައާއެކު އިސްލާމީ މަރުކަޒެއް ތަރައްޤީކުރުމަށް ހަވާލުކޮށްފަވަނީ ކޭ އެންޑް އެފް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަރުކަޒުގައިވެސް ކްލާސްރޫމާއި، ލައިބްރަރީ، އަދި ކޮންވެންޝަން ހޯލް ވެސް ހިމެނެއެވެ.
ހއ. އިހަވަންދޫ އިސްލާމީމަރުކަޒުގެ މަސައްކަތް ހަވާލުކުރީ ފީޑޯ ޕްރައިވެޓް ލިޓެޑާއެވެ. މި މަސައްކަތުގައި 700 މީހުންގެ ޖާގައިގެ މިސްކިތު ބައިގައި، ފިރިހެނުންގެ އިތުރުން، އަންހެނުންނަށް ނަމާދުކުރެވޭ ޖާގަ ހިމެނެއެވެ.
އެ މަރުކަޒުގައި ވެސް ވުޞޫކުރާ ބައި، ކްލާސްރޫމާއި ލައިބްރަރީ އަދި ކޮންވެންޝަން ހޯލެއް ތަރައްޤީކުރާނެއެވެ.


