ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެމުން އަންނަ އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ ”މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް“ އަންނަ މަހު ބޭއްވުމަށް ސްޕޯޓްސް މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ”މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025“ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. މި ހަފްލާ ބޭއްވުމަށް ތައްޔާރުވަމުންދަނީ މާލޭގެ ޒުވާނުންގެ މަރުކަޒުގެ ހޯލުގައެވެ.
މިފަހަރުގެ އެވޯޑް ހަފްލާގައި ޖުމްލަ 11 ދާއިރާއަކުން ނަން ހުށަހެޅުމުގެ ފުރުސަތު ކުޅިވަރު އެސޯސިއޭޝަންތަކަށް ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި ހިމެނޭ މުހިންމު ބައެއް ދާއިރާތަކަކީ:
- ސްޕޯޓްސްމަން އަދި ސްޕޯޓްސްވުމަން އޮފް ދަ އިޔަރ (އޮލިމްޕިކް އަދި ނޮން އޮލިމްޕިކް)
- ޕެރާ ސްޕޯޓްސްމަން އަދި ޕެރާ ސްޕޯޓްސްވުމަން އޮފް ދަ އިޔަރ
- ސްޕޯޓްސް ޖާރނަލިސްޓް އަދި މީޑިއާ އޮފް ދަ އިޔަރ
- ކޯޗް އޮފް ދަ އިޔަރ އަދި ޓެކްނިކަލް އޮފިޝަލް އޮފް ދަ އިޔަރ
- ޔަންގް ސްޕޯޓްސްމަން އަދި ޔަންގް ސްޕޯޓްސްވުމަން އޮފް ދަ އިޔަރ
- ސްޕޯޓްސް މެޑިކް އަދި ސްޕޯޓްސް ވިޒުއަލް އާޓިސްޓް އޮފް ދަ އިޔަރ
އެންމެ ފަހުން ބޭއްވި އެވޯޑް ހަފްލާގައި އެންމެ ޝަރަފްވެރި ދެ އެވޯޑް ކަމަށްވާ ސްޕޯޓްސްވުމަން އޮފް ދި އިޔަރގެ މަގާމު ހާސިލްކުރީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީއެވެ. އަދި ސްޕޯޓްސްމަން އޮފް ދި އިޔަރގެ އެވޯޑް ހާސިލްކުރީ ގައުމީ ޓޭބަލް ޓެނިސް ޓީމުގެ މުޙައްމަދު ޝައްފާން އިސްމާއިލެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް އެކި ގޮތްގޮތުން ޚިދުމަތް ކުރައްވާފައިވާ އަދި މިހާރުވެސް ޚިދުމަތް ކުރައްވަމުންދާ ފަރާތްތަކުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ މަގްސަދުގައި ބާއްވަމުން އަންނަ އެންމެ ބޮޑު ހަފްލާއެވެ.



