ސްޕެއިންގެ މެޑްރިޑުގައި މިއަދު ފެށި ފިތޫރު ފެއާގައި ރާއްޖެއިން ބައިވެރިވެ، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ފަށައިފިއެވެ.
މިއަދުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެއާއަކީ މިއަހަރުގެ ތެރޭގައި ރާއްޖެއިން ބައިވެރިވާ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ޓްރެވަލް ޓްރޭޑް ފެއާއެވެ.
މި ފެއާގައި ވިޒިޓް މޯލްޑިވްސްއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 22 ފަރާތަކުން ބައިވެރިވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތަކާއި ތަޖުރިބާތައް ދުނިޔެއަށް ދަނީ ދައްކާލަމުންނެވެ.
ފިތޫރު ފެއާއަކީ ޓްރެވަލް އެޖެންސީތަކާއި، ހޮޓާތަކާއި، އެއާލައިންތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ފަންނީ މާހިރުން އެއްތަނަކުން ބައްދަލުވާ މުހިންމު މަންސައެކެވެ.
ވިޒިޓް މޯލްޑިވްސްއިން ހާމަކުރި ގޮތުގައި، މިއަހަރުގެ ފެއާގައި 50,000 އަށްވުރެ ގިނަ ވިޔަފާރިވެރިންނާއި ފަންނީ މާހިރުން ބައިވެރިވެއެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ޚިދުމަތްތައް ގަންނަން ބޭނުންވާ ފަރާތްތަކާއި، އިންފްލުއެންސަރުންނާއި މާކެޓް ޕްރޮފެޝަނަލުން ހިމެނެއެވެ.
މި ފެއާގައި ބައިވެރިވުމުގެ މައިގަނޑު އެއް މަގުސަދަކީ ސްޕެއިންގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމެވެ.
ސްޕެއިންއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި މުހިންމު ދައުރެއް އަދާކުރާ ގައުމަކަށްވާއިރު، މި ފެއާގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތަކާ ގުޅޭގޮތުން އިތުރަށް ހޭލުންތެރިކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.



