އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީގެ ހަގު ފިރިހެން ދަރިފުޅު އާނަންތު އަމްބާނީ އާއި އޭނާގެ އަންހެނުން ރާދިކާ މާޗަންޓު ޗުއްޓީ ހޭދަކުރުމަށް އަނެއްކާވެސް ރާއްޖެ އަތުވެއްޖެ އެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ ހަބަރުތައް ގެނެސްދޭ ހޮޓެލިއާ މޯލްޑިވްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އާނަންތު އާއި ރާދިކާ ރާއްޖެ އައީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި ދަތުރުގައި އެ ދެމަފިރިން ޗުއްޓީ ހޭދަކުރަމުން ދަނީ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައެވެ.
މި ދަތުރާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ދެމަފިރިންގެ ސަލާމަތީ ކަންތައްތައް ވަރުގަދަކުރުމުގެ ގޮތުން 50 މީހުންގެ ސެކިއުރިޓީ ޓީމެއް ވަނީ ގެނެސްފައެވެ. އަދި އަމިއްލަ އެކި ބޭނުންތަކަށް ރިސޯޓުގައި ދެ ސީޕްލޭން އަބަދުވެސް ސްޓޭންޑްބައިގައި ބާއްވާފައިވާ ކަމަށް ހޮޓެލިއާ މޯލްޑިވްސް އިން ބުނެއެވެ.
އަމްބާނީ އާއިލާގެ މެންބަރުންނަކީ އާންމުކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ބައެކެވެ. އެގޮތުން މިދިޔަ އަހަރުގެ އާ އަހަރުގެ ޗުއްޓީ ހޭދަކުރުމަށްވެސް އެ އާއިލާގެ ބައެއް މެންބަރުން އިތާފުށި ރިސޯޓަށް ޒިޔާރަތްކޮށްފައިވެއެވެ.
މީގެ ކުރިން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު އާނަންތު ރާއްޖެއަށް ކުރި ދަތުރެއްގައި ހދ. މަކުނުދޫއަށް ޒިޔާރަތްކޮށް، އެ ރަށުން ކުކުޅަކާއި މުސަޅެއް ގަނެގެން އިންޑިއާއަށް ގެންގޮސްފައިވާތީ އެކަން ވަނީ ވަރަށް ބޮޑަށް މަގުބޫލުވެފައެވެ.
އެފަހަރު އާނަންތު ޗުއްޓީ ހޭދަކުރީ މަކުނުދޫ ފަޅުގައި އޮންނަ ސޮނެވާ ސީކްރެޓް ރިސޯޓުގައެވެ.




