މީގެ ތިން އަހަރުކުރިން ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ހެދި އިންކުއަރީގައިވާ ކަންކަން ތަންފީޒުކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެދިވަޑައިގެންފި އެވެ.
އަސްލަމް މިފަދައިން އެދިވަޑައިގެންފައިވަނީ، މިއަދުގެ މަޖިލިސް ޖަލްސާ ފަށްޓަވަމުން ދެއްކެވި ވާހަކަފުޅުގަ އެވެ. އަސްލަމްގެ ވާހަކަފުޅުގައި، މިއަދަކީ ރައީސް ނަޝީދު އަވަހާރަކޮށްލަން ނުރައްކާތެރި ހަމަލާއެއް ދިންތާ ތިން އަހަރު ފުރޭ ދުވަސް ކަން ފާހަނގަކުރައްވައި،އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުން ބަލައި އެކުލަވާލި އިންކުއަރީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ހުރިހާ ރެކޮމެންޑޭޝަންތަައް ވީހާއަވަހަށް ތަންފީޒުކުރަން އެދިވަޑައިގެންފައި ވެއެވެ.
އަސްލަމް ވިދާޅުވީ،އެމަނިކުފާނު ބޭނުންފުޅު ވަނީ، ރާއްޖެއިން ހަރުކަށިފިކުރާ އަނިޔާވެރިކަން އެއްކޮށް ނެތިގެން ދިއުންކަމަށާއި، އަދި މި ހަމަލާއާ ގުޅޭގޮތުން ތަހުގީގުތައް އަވަސްކޮށް ޝަރީއަތްތައް ނިމިގެން ދިއުމަކީ މުހިންމުވެފައި ބޭނުންތެރި ކަމެއްކަމުގައި ދެކެވަޑައިގަންނަވާކަމަށެވެ.
ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ޓެރަރިސްޓް ހަމަލާއެއް ދީފައިވަނީ 2021 ވަނަ އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭގެ އިރާކޮޅު ވަގުތެއްގައި އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅާ ދިމާލަށް ވަޑައިގެންނެވި ވަގުތުއެވެ. އެހަމަލާގައި ލިބުނު ޒަޚަމްތަކަށް އޭޑީކޭ ހޮސްޕިޓަލުންނާއި ޖަރުމަންގެ ހޮސްޕިޓަލަކުން ވަނީ ފަރުވާ ހޯއްދަވާފަ އެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އަށް މީހެއްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އޭގެ ތެރެއިން، މި ހަމަލާގައި ބޮން ގޮއްވާލި ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދުގެ މައްޗަށް ކުށް ސާބިތުވެ، 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވެއެވެ. ބާކީ ތިބި ހަތް މީހުންގެ ޝަރީއަތް އަދިވެސް ނުނިމެ އެވެ.



