ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ، އަމީނިއްޔާ ސްކޫލުގެ ދިވެހި ޓީޗަރު އާމިނަތު ހަސަން (އައިންތު މިސް) މިއަދު ނިޔާވެއްޖެއެވެ.
ކެންސަރު ބަލީގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އައިންތު މިސް ނިޔާވީ މިއަދު ހެނދުނު އައިޖީއެމްއެޗްގަ އެވެ. ނިޔާވިއިރު އުމުރަކީ 58 އަހަރެވެ.
ދިވެހި ބަސް އުނގަންނައިދެއްވުމުގައި 34 އަހަރުގެ ދިގު މުއްދަތެއް ހޭދަކުރެއްވި އައިންތު މިސް ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވާތާ މިހާރު ދޮޅު އަހަރެއްހާ ދުވަސް ވެއްޖެއެވެ.
އަމީނިއްޔާ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ފާތިމަތު ހިލްމީ ވިދާޅުވި ގޮތުގައި، އައިންތު މިސް ކިޔަވައި ވިދާޅުވެގެން އެންމެ ފުރަތަމަ ވެސް މަސައްކަތް ފެއްޓެވީ އެ ސްކޫލުގައެވެ. ޑިގްރީއަށް ކިޔަވަން ވަޑައިގަތުމަށް މެދުކެނޑުމަކަށް ފަހު، އަނެއްކާވެސް އަމީނިއްޔާއާ ގުޅިވަޑައިގަތީއެވެ. ނިޔާވުމާ ހަމައަށް އޭނާ ވަނީ އަމީނިއްޔާ ސްކޫލުގައި 23 އަހަރު މަސައްކަތް ކުރައްވާފައެވެ. ޓީޗަރުކަމުގެ އިތުރުން ލީޑިން ޓީޗަރުގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.
އައިންތު މިސްއަކީ ހަމައެކަނި ތައުލީމީ ދާއިރާގެ ބޭފުޅެއް ނޫނެވެ. އޭނާ ވަނީ މީޑިއާ ކައުންސިލްގެ މެމްބަރުކަމާއި، 2018 ވަނަ އަހަރު އެސެޓް ރިކަވަރީ ކޮމިޝަންގެ މެމްބަރުކަން ވެސް ކުރައްވާފައެވެ. އެ ކޮމިޝަން އުވާލުމަށްފަހު ކުޑަ ދުވަސްކޮޅަކު މަޖީދިއްޔާ ސްކޫލުގައި މަސައްކަތް ކުރެއްވި ނަމަވެސް، އަނެއްކާވެސް އެނބުރި ވަޑައިގަތީ އަމީނިއްޔާ ސްކޫލަށެވެ.
”އަމީނިއްޔާ ސްކޫލަށް އެކަންޏެއް ނޫން ގެއްލިގެން އެ ދިޔައީ މުޅި ގައުމަށް ހިދުމަތްތެރިއެއް. ވަރަށް ގިނަވާނެ އައިންތު މިސް ކިޔަވައި ދެއްވާފައި ތިއްބެވި ކުދިން. ހާއްސަކޮށް ދިވެހި ބަހަށް. އަޅުގަނޑު ބުނާނީ އަމީނިއްޔާގެ އެއް ތަނބޭ އެ ގެއްލުނީ.“ހިލްމީ ވިދާޅުވިއެވެ.
އައިންތު މިސް އަކީ އެންމެންނާ ގުޅޭ، ހިތްހެޔޮ އަދި ދަރިވަރުންނާ ގާތް ގުޅުމެއް ބޭއްވި ސަކަ މިޒާޖެއްގެ ބޭފުޅެއްގެ ގޮތުގައި ހިލްމީ ސިފަކުރެއްވިއެވެ.
އައިންތު މިސް ނިޔާވިއިރު ފިރިއަކާއި އަންހެން ބޭފުޅަކު ދުނިޔޭގައި އެބަހުއްޓެވެ.



