ޗައިނާގައި ހުންނަވާ ސަފީރަކަށް އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ފަޒީލް ނަޖީބް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.
ޗައިނާގެ ސަފީރުކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންތަކަށް ރުހުން ހޯދުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ފަޒީލްއަށް ރުހުން ދިނުމަށް 35 މެންބަރުން ވޯޓްދެއްވި އެވެ.
ޑރ.ފަޒީލް ނަޖީބު ވަނީ، އެމްއެމްއޭގެ ގަވަރުނަރުގެ އިތުރުން، ޓްރޭޑް މިނިސްޓްރީގެ އެކި ފެންވަރުގެ މަގާމުތަކާއި، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފަ އެވެ. ފަޒީލަކީ ތަޖުރިބާކާރު އިގުތިސާދީ މާހިރެކެވެ.
ފަޒީލް ނަޖީބުގެ އިތުރުން ބަންގްލަދޭޝްގެ ސަފީރުކަމަށް ފޮރިން މިނިސްޓްރީގެ ކުރީގެ ޖޮއިންޓް ސެކްރެޓަރީ ޝީއުނީން ރަޝީދާއި ސައުދީ އަރަބިއްޔާގެ ސަފީރަކަށް މުހަމައްދު ތާހާގެ ނަންވަނީ ފާސްކޮށްފަ އެވެ.
މިިދިޔަމަހުގެ 29 ވަނަ ދުވަހުވެސް މަޖިލީހުންވަނީ މިސަރުކާރުގެ 6 ސަފީރަކަށް ރުހުންދިނުމަށް ފާސްކޮށްފަ އެވެ. އެދުވަހު ރުހުން ދިން ސަފީރުންނަކީ ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމަށް މުހައްމަދު ހުސައިން ޝަރީފް (މުންދު)، އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ޑރ. އިރުތިޝާމް އާދަމް، ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މަސްއޫދު އިމާދު، މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ޑރ. މަރިޔަމް ޝަބީނާ އަހުމަދު، ބެލްޖިއަމްގައި ހުންނަވާ ސަފީރުކަމަށް ގީލާ އަލީ، އަދި ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް މުހައްމަދު ލުވޭޒު އަށެވެ.



