ބިންވެރިޔާ ސްކީމްގެ ދަށުން، ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ވެރިފަރާތްތަކާ ޙަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން އިތުރު 41 ފަރާތަކަށް ބިން ހަވާލުކޮށްފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި، ހައުސިން މިނިސްޓްރީން ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން، ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ވެރިފަރާތްތަކާ ޙަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން އިއްޔެ 41 ފަރާތަކަށް ބިން ހަވާލުކުރެވިފައިވާ ކަމަށެވެ.
ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ވެރިފަރާތްތަކާ ޙަވާލުކުރުމުގެ މަސައްކަތް ފެށީ މިދިޔަ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. މިނިސްޓްރީން ބުނީ އަމާޒަކީ ގޯތި ލިބުނު ފަރާތްތަކަށް ވީހާވެސް އަވަހަށް ބިން ދޫކޮށް ނިންމާލުން ކަމަށެވެ.
ސަރުކާރުން ނިންމާފައި ވަނީ ގުޅިފަޅުން 2,438 ގޯތި ދޭށެވެ. އޭގެ ތެރޭގައި، ގިރާވަރު ފަޅުން ގުޅިފަޅަށް ބަދަލުކުރި 1,347 ގޯތި ހިމެނެ އެވެ. އެ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން 9،031 ގޯތި މާލޭ މީހުންނަށް ދޭނެ އެވެ.



