ސިޔާސީ ގޮތުން ހިޔާލު ފާޅުކުރުމުގައި އިސްލާމްދީނުގެ ހުކުމްތަކާއި ރުކުންތަކާއި ޝިއާރުތަކަށް އިހުތިރާމް ކުރަން ޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި މިނިސްޓަރު ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމްދީނުގައި މަތިވެރި މަޤުޞަދަކަށްޓަކައި ޙިމާޔަތްކޮށްފައިވާ މިނިވަންކަމެއް ކަމަށެވެ.
އެއީ މަތިވެރި ޙައްޤެއް. ނަމަވެސް ސިޔާސީ ގޮތުން ޚިޔާލު ފާޅުކުރުމުގައި އިސްލާމްދީނުގެ ޙުކުމްތަކާއި ރުކުންތަކާއި ޝިއާރުތަކަށް އިޙުތިރާމްކުރަންޖެހޭނެ.“ މިނިސްޓަރު ޝަހީމްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޤާނޫނު އަސާސީގައި ޚިޔާލުފާޅުކުރުގައި ދީފައިވާ މިނިވަންކަމުގެ ރޫޙަކީ ވެސް އެއީ ކަމަށާއި އިސްލާމްދީނުގެ ޙުކުމްތަކާއި ރުކުންތަކާއި ޝިޢާރުތަކަށް އެންމެހައި މުސްލިމުން އިހުތިރާމްކުރަންވާނެ ކަމަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް މިހެން ވިދާޅުވެފައިވާއިރު، ”ސިޔާސީ ކާޓޫން ވޮލިއުމް 22“ ގެ ނަމުގައި އަދަދު ނޫހުން ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައިވާ ކާޓޫނަކުން ނަމާދުގެ ސަޖިދައިގައި އޮތް މީހެއްގެ ޖީބަށް، ރައީސް ޑރ. މުއިއްޒު އާއި ވަށްތަރުކޮށް ކުރަހާފައިވާ މީހަކު ފައިސާތަކެއް ލާ މަންޒަރު ފެންނަ ކުރެހުމެއް ޝާއިޢު ކުރި މައްސަލައެއް ވަނީ ފެންމަތިވެ ގިނަ ބަޔެއްގެ ފާޑިކިޔުން އަމާޒުވެފައެވެ.



