ބާ މުސްހަފުތައް ނައްތާލަން މާލެ ސިޓީ ކައުންސިލާ ހަވާލުކުރަން ހުޅުވާލައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ މާލެ ސިޓީގެ ގޭގޭ ގައި ހުރި، ނައްތާލަން ބޭނުންވާ، ބާވެ ނުވަތަ ހަލާކުވެފައިވާ މުޞްޙަފް ތަކާއި ކީރިތި ޤުރުއާނުގެ އާޔަތް ތަކާއި ކީރިތި ރަސޫލާ (ސ)ގެ ޙަދީޘްތައް ލިޔެފައި ހުންނަ ފޮތްތަކާއި ލިޔުންތައް، އެ އިދާރާ އާ ހަވާލު ކުރަން އަންގާފައެވެ.
އެ ބަޔާނުގައި ސިޓީ ކައުންސިލުން ބުނީ 24 ޖެނުއަރީ ވާ ހޮނިހިރު ދުވަހުން ފެށިގެން، 29 ޖެނުއަރީ ވާ ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 1:00 އިން ހަވީރު 5:00 އަށް އެފަދަ ފޮތްތަކާއި މުސްހަފްތައް އެ ކައުންސިލާ ހަވާލުކުރެވޭނެ ކަމަށެވެ.
މާލެ ސަރަހައްދުގެ 3 ތަނަކުން އެފަދަ ފޮތްތައް ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
އެގޮތުން މާލެއިން އެ ތަކެތި ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ސިނަމާލެ 3 ގެ ގޯތިތެރެ ( ގަލޮޅު މަދުރަސާ ކުރިމަތިން ބުރުޒުމަގުން ސިނަމާލެ 3 ގެ ގޯތިތެރެއަށް ވަދެވޭ ގޭޓުން އެތެރެ ) އިންނެވެ.
އަދި ވިލިމާލެ އިން މާލޭ ސިޓީ ކައުންސިލް އިދާރާގެ ވިލިމާލެ ސެކްޝަނުންނެވެ.
އަދި ހުޅުމާލެ އިން މާލޭ ސިޓީ ކައުންސިލް އިދާރާގެ ހުޅުމާލެ އޮފީހުންނެވެ.
އެކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފު ކުރުމަށް، 7994565 އަށް ގުޅުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.



