ތިން ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ އެ މީހުން ހައްޔަރުކުރީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައިފާސްކުރުމަށް ޓާސްކްފޯސް އިން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.
އެ އޮޕަރޭޝަން ހިންގާފައި ވަނީ އިއްޔެ އެވެ.
އިމިގްރޭޝަނުން ބުނީ ހުޅުމާލޭ ފޭސް 1 ގައި ކެފޭ/ ޓޭކްއަވޭ ހިންގަމުންދިޔަ ބައެއް ތަންތަން ބަލައި ފާސްކޮށް، 03 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ޙައްލު ކުރުމަށް، ”ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް“ގެ ނަމުގައި ޚާއްސަ ޓާސްކްފޯހެއް ވަނީ އެކުލަވާލާފައެވެ.
މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެންދަނީ ޤަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.
ބިދޭސީން ޤަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތުން މިވޭތުވެ ދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 47އަކަށް ވުރެ ގިނަ ވިޔަފާރިއެއް ވަނީ ބަންދުކޮށްފައެވެ.



