އިންތިހާބުގައި ވާދަކުރަން ހުށަހަޅާ ފޯމުތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށްވުރެ ވެސް އަވަހަށް ޖަވާބު ދެމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށް އީސީން ބަޔާނެއް ނެރެފައިވަނީ، ކެންޑިޑޭޓުންނަށް ވުމަށް އެދި ހުށައަޅާ ފޯމުތަކަށް ޖަވާބު ދިނުން ލަސްވަމުންދާކަމަށް ބުނެ ދެކެ
ވޭ ވާހަކަތައް ދޮގުކޮށް އީސީން ނެރުނު ބަޔާނެއްގައެވެ.
އީސީން ބުނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ލިޔެކިޔުންތައް ކޮމިޝަނަށް ލިބޭތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި، އެ ހުށަހެޅުމާ މެދު ނިންމި ގޮތް އަންގަން ޖެހޭ ކަމަށާއި ނަމަވެސް މިހާރު ކެންޑިޑޭޓުންގެ ފަރާތުން ފޯމުތައް ލިބެމުންދާ ވަރަކުން، ޤާނޫނުގައި އެ ބުނާ ފަސް ދުވަހުގެ މުއްދަތަށްވުރެ މާ ކުރިން ކެންޑިޑޭޓުންނަށް ޖަވާބު ދެމުންދާ ކަމަށެވެ.
އަދި އީސީގެ ޑޭޓާބޭސްތަކާއި ނިޒާމުތަކުގެ ރައްކާތެރިކަމާ މެދު އުފައްދަމުންދާ ޝައްކުތަކަށް ރައްދުދީ އީސީން ނެރުނު ބަޔާނުގައި ބުނީ އެ ކޮމިޝަނުގައި ޤާއިމްކޮށްފައިވާ ނިޒާމުތަކަކީ ރައްކާތެރިކަމާއެކު ފަރުމާކުރެވިފައިވާ ނިޒާމުތަކެއް ކަމަށެވެ. އަދި އެ މަޢުލޫމާތުތަކަށް ވާސިލުވެވޭނީ ހަމައެކަނި ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ކަމަށް އީސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން އީސީން ދެމުންދާ ޚިދުމަތްތަކާ ގުޅޭގޮތުން އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް، ޙަޤީޤަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.



