ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް ޝައުގުވެރިވާ ކުންފުނިތަކަށް، ކުރިން ހުރި ބައެއް ޝަރުތުތަކަށް ލުއިތަކެއް ދިނުމަށްފަހު އެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މީގެކުރިންވެސް މި ޚިދުމަތަށް ހުޅުވާލިއެވެ. ނަމަވެސް އަލުން ހުޅުވާލަށް ނިންމީ، އުސޫލަށް ބައެއް ބަދަލުތައް ގެނައުމަށެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މީގެކުރިން މަޖިލީހުގައި ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ، ސަރުކާރުން ކުރިން ހުށަހެޅި ބައެއް ޝަރުތުތަކާ ގުޅިގެން ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. އެހެންކަމުން، އެ ކަންކަމަށް ރިއާޔަތްކޮށް އުސޫލަށް ބަދަލުތަކެއް ގެނެސް، ވިޔަފާރި އުސޫލުން މި ޚިދުމަތް ދިނުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ހެލިކޮޕްޓަރުގެ ހިދުމަތަކީ ޓޫރިސްޓް ފެސިލިޓީތަކާއި އެއާޕޯޓްތަކާ ދެމެދު ޓޫރިސްޓުން އުފުލުމުގެ އިތުރަށް އެއް ރިސޯޓުން އަނެއް ރިސޯޓަށް ޓޫރިސްޓުން އުފުލައި އަދި ދިވެހިންނަށް ވެސް އޭގެ ހިދުމަތް ލިބޭ ގޮތަށް ދޭން ނިންމާފައިވާ ހިދުމަތެއް ކަމަށެވެ.
މި ހިދުމަތުގައި ބޭނުންކުރަން ނިންމާ ހެލިކޮޕްޓަރުތަކަކީ 8 އަހަރުވެފައިނުވާ ހެލިކޮޕްޓަރަށް ވާން ޖެހޭނެ ކަމަށާއި ކުއްލި ހާލަތުގައި ބަލިމީހުން އުފުލުމަށާއި ސާޗް އެންޑް ރެސްކިޔުއަށް މަދުވެގެން އެއް ހެލިކޮޕްޓަރު ހާއްސަކޮށްފައި އޮންނަން ޖެހޭ ކަމަށް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުގައިވެއެވެ.
ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމަށާއި ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތައް ހެލިކޮޕްޓަރުގެ ހިދުމަތް ދޭ ފަރާތުން ކޮންމެ މަހަކު 80 ގަޑިއިރާއި 150 ގަޑިއިރުގެ ހިދުމަތް ހިލޭ ސަރުކާރަށް ކޮށް ދޭން ޖެހެ އެވެ.
ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މާރިޗު މަހުގެ 25 ވަނަ ދުވަހެވެ. މިނިސްޓްރީން ބުނެފައި ވަނީ ހިދުމަތް ދޭން ބަޔަކާ ހަވާލު ކުރާނީ 10 އަހަރުގެ މުއްދަތަކަށް ކަމަށެވެ.
މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި، މީގެކުރިން މި ފުރުސަތަށް ހުޅުވާލި އިރުވެސް ބައިނަލްއަޤްވާމީ ފެންވަރުގައި ހެލިކޮޕްޓަރު އޮޕަރޭޓުކުރާ ބޮޑެތި ކުންފުނިތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.




