މި ހިނގާ 2026 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓަރީ ގާއިމުކޮށް، އެތަންތަނަށް ލެބޯޓްރީ ޓެކްނީޝަނުން އައްޔަނުކޮށް އަދި އާންމު ޓެސްޓުތައް އެތަންތަނުގައި ހެދޭނެ ގޮތް ހަމަޖެހޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ނާޒިމް މިހެން ވިދާޅުވެފައިވަނީ ރައީސް އޮފީހުން އިސްނަގައިގެން ކުރިއަށްގެންދާ ”ތަރުޖަމާނާ އެކު“ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ ނާޒިމް ވިދާޅުވީ ރަށުގައި ތިބެގެން ސިއްހީ ހިދުމަތް ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ސަރުކާރުން ބޭނުންވަނީ ޑައިގްނޯސްޓިކް ހިދުމަތް ވަރުގަދަކުރުމަށް ކަމަށެވެ.
ބޭސް ފަރުވާ ފެށޭ ހިސާބަކީ، ނާޒިމް ވިދާޅުވި ގޮތުގައި، ރަނގަޅު ޑައިގްނޯސްޓިކް ސިސްޓަމެއް އޮތުން ކަމަށާއި އެ ނިޒާމަށް އިތުބާރު ކުރެވޭނެ ގޮތެއް އޮަންނަން ޖެހެއެވެ.
”ޑައިގްނޯސް ސިސްޓަމަށް އިތުބާރު ނުކުރެވޭ ނަމަ އެ ލިޔެވޭ ޕްރިސްކްރިޕްޝަނަކަށް އެއްވެސް މީހެއްގެ އިތުބާރެއް ނޯންނާނެ. ނަތީޖާއަކީ ޑައިގްނޯސް ސިސްޓަމް ވަރުގަދަނުކޮށް ހެލްތު ނިޒާމުގެ ވާހަކަ ނުދެއްކޭނެކަން،“ މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން ހެލްތު މިނިސްޓަރ ވިދާޅުވީ ގޮތުގައި އެ މަސައްކަތުގެ ދަށުން ކުދި އާބާދީތަކުގައި ވެސް ލެބޯޓްރީ ގާއިމުކުރުމުގެ މަސައްކަތް ކުރެވެމުން އެބަދެއެވެ. މި ސަރުކާރު ފެށުނުއިރު އަތޮޅުތެރޭގައި 76 ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ނުލިބި އޮތް ކަމަށާއި އެހެންވެ، ޕޮއިންޓް އޮފް ކެއާގެ ދަށުން އެތަންތަނުގައި ބޭސިކް ޓެސްޓުތައް ހެދޭނެ އިންތިޒާމު ހަމަޖެއްސި ކަމަށް ނާޒިމް ވިދާޅުވިއެވެ.



